މި ސަރުކާރުން އަލަށް އެޅި ސީއެޗްއެސްސީ އަދި ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތާއި ހުޅުމާލެ ދެވަނަ ފިޔަވެހީގައި އެޅި ސަލާހުއްދީން ސްކޫލުގައި ދިރާސީ އައު އަހަރު ކިޔެވުން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމެނެންޓް ސެކެޓްރީ އަހްމަދު އަލީ 'އަދަދު' އަށް މިއަދު ވިދާޅުވީ އެ ތިން ސްކޫލު ހުޅިވައި ކިޔަވައިދޭން ފެށުމުގެ ތައްޔާރީތައް އެ މިނިސްޓްރީން ވަމުން އަންނަ ކަމަށެވެ.
"ދިރާސީ އައު އަހަރާއެކު ސީއެޗްއެސްސީ އަދި ދަރުމަވަންތަ ސްކޫލުގެ އަލަށް އެޅި އިމާރާތުގަ ކިޔަވައިދޭން ފަށާނެ. ސަލާހުއްދިން ސްކޫލުގަ ވެސް ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ،" އަހްމަދު އަލީ ފާހަގަކުރެއްވި އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެ ތިން ސްކޫލު ހުޅުވުމުގެ ރަސްމީ ރަސްމިއްޔާތު ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.
ސަލާހުއްދީން ސްކޫލްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުގައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ކުރީ 118.35 މިލިއަން ރުފިޔާއަށެވެ.

ސީއެޗްއެސްސީގެ އާއިމާރާތް އެޅީ ހުޅުމާލޭ ފޭސް ވަންގައި ހުންނަ ސިންތަޓިކް ޓްރެކުގެ ފުރަގަހުގައި އެވެ.
ސީއެޗްއެސްއީގެ އައު އިމާރާތް ފުރަތަމަ އަޅަން އުޅުނީ މާލޭގަ އެވެ. އެ މަސައްކަތް އާރްސީސީއާ ހަވާލު ކުރީ އޮކްޓޫބަރު 17، 2019 ގައެވެ. ނަމަވެސް މާލޭގައި އެކަށީގެންވާ ޖާގަ ނެތުމުން ފަހުން ސީއެޗްއެސްއީގެ އައު އިމާރާތް ހުޅުމާލޭގައި އަޅަން ނިންމީ އެވެ.
ދަރުމަވަންތަ ސްކޫލުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ސެޕްޓެމްބަރު 2020, ގަ އެވެ. ނަމަވެސް, ކޮވިޑާ ހެދި އޭރު އެ އިމާރާތުގެ މަސައްކަތް ނިންމަން ދީފައި އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމިފައެއް ނުވެ އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ. 74.9 މިލިއަން ރުފިޔާއަށް އަޅާ އެ އާ އިމާރާތަކީ މުޅިން ތަފާތު އަދި އެންމެ ޒަމާނީ ފެންވަރުގެ ކޮންސެޕްޓަކަށް ތައްޔާރުކުރާ ސްކޫލެއް ކަމަށްވާއިރު، އެ ސްކޫލަކީ 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
މިހާރު އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުން އަންނަނީ އަންނަ އޮގަސްޓު ހައެއްގައި ފެށޭ ދިރާސީ އައު އަހަރާއިއެކު އެ ސްކޫލު ހުޅުވުމަށެވެ. އެހެންވެ އެ ސްކޫލު ކުރިން ހިންގި ވަގުތީ އިމާރާތުގައި އަރަބިއްޔާ ސްކޫލު ހިންގަން މިހާރު ވަނީ ނިންމައިފަ އެވެ.













