ހިޔާ ފްލެޓު ސަރަހައްދުގައި އާބަންކޯއިން ތަރައްގީ ކުރި ހިޔާ ޕާކު މިިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ހިޔާ ފްލެޓު ސަރަހައްދުގައި އާބަންކޯ އިން ތަރައްގީ ކުރި ޕާކު ހުޅުވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާ ގުޅުވައި، ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއެކު އެވެ.
އެ ޕާކު ހުޅުވުމުގެ ހަރަކާތަށް ހިޔާ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި އިރު އެތަނުގައި ލައިވް މިއުޒިކް ވެސް ކުޅުނެވެ.
ހިޔާ ޕާކު ތަރައްގީ ކުރުމުގެ ކުރިން އާބަންކޯއިން ވަނީ އާންމުންގެ ހިޔާލު ހޯދައިފަ އެވެ. އެތަނުގައި ކުލަލީ ވެސް ވަނީ އާންމުންނާއި ކުޑަކުދިން ބައިވެރިކޮށްގެންނެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ ޕާކުގެ އެކި ތަންތަނުގައި ކުލައި ލައި ހުނަރު ދައްކާލި އެވެ.

ހިޔާ ޕާކުގައި ކުޑަކުދިން ކުލަލުމުގެ ހަރަކާތުގެ ތެރެއިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވި އިރު ހިޔާ ސަރަހައްދު އޮތީ ހިޔާ މަދު، ހިތްފަސޭހަކޮށްލާނެ ތަނެއް ނެތި އެވެ. އާބަންކޯއިން އެތަނުގައި ޕާކެއް އެޅީ، އެކަން ބަދަލުކޮށް ހުޅުމާލެގައި ދިރިއުޅޭ މީހުންނަށާއި އެކި ބޭނުންތަކަށް އެތަނަށް ޒިޔާރާތްކުރާ މީހުންނަށް އެތަން ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުންނެވެ.
ހިޔާ ޕާކު ތަރައްގީ ކުރަން އާބަންކޯއިން ހަވާލު ކުރީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ. ސެޕްޓޭމްބަރު 25، 2022ގައި އެ މަސައްކަތް ހަވާލު ކުރީ ކުރީ ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތުވޭ އަދި ޕްލާޒާ ހަދާ ގޮތަށެވެ.











