ޖަލުގައި ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވުމަކަށް ޕީޕީއެމް ގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ރިޔާސީ އިންތިހާބުގައި ޔާމީނަށް ތާއީދުކުރައްވާކަން އާންމުކޮށް އިއުލާންކުރައްވަން އެދިވަޑައިގެން ޔާމީން ފޮނުއްވި ނޯޓަކާ ގުޅިގެންނެވެ.
މުއިއްޒުގެ މި ނޫސްވެރިންގެ ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު 2:30 ގައި އެބޭފުޅާގެ ދިމްޔަތު ހޮޓަލުގަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ނުގުޅޭ މުއިއްޒުގެ އަމިއްލަ އިވެންޓެެއް އެ އިދާރާގެ މީޑިއާ އޮފިޝަލު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.
މިކަމާ ގުޅިގެން މުއިއްޒުގެ ބަހެއް ހޯދުމަށް "އަދަދު" އިން ކުރި މަސައްކަތުން އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ.

ބޭރުފުށަށް ފެންނަ ފެނުމުގައި، މުޅި ޕީޕީއެމް އޮތީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޔާމީންގެ ފަހަތްޕުޅުގަ އެވެ. ޕީޕީއެމްގެ ވެރިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވޭނެ ކަމަށެވެ.
އެކަމަކު، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން، އެ ޕާޓީގެ ބައެއް ލީޑަރުން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ފެތުރެ އެވެ. މުއިއްޒާ ބެހޭ ގޮތުން ވެސް މީގެ ކުރިން އެފަދަ އަޑުތައް ފެތުރުނެވެ.
ޕީޕީއެމްގެ މުހިންމު ހުރިހާ ނިންމުމެއް ނިންމުމުގެ ބާރު އޮންނަނީ ޕާޓީގެ ސެނެޓަށެވެ. ޕާޓީގެ ސެނެޓުގައި ޕީއެންސީގެ މެމްބަރުންނާއެކު ޖުމްލަ 130 މެމްބަރުން ތިބެ އެވެ. މުއިއްޒުގެ ޓީމުން ބުނަނީ، ވަގުތާއި ހާލަތު އައިސް ޖެހުމުން އެ ސެނެޓުގެ 79 މެމްބަރުންގެ އަގުލަބިއްޔަތުން މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސް ކުރާނެ ކަމަށެވެ.
"އެއްވެސް މައްސަލައެއް ނޫން އެއީ. ސެނެޓުގެ 79 މެމްބަރުން ތިބީ އަހަރުމެންނާއެކީ. މުއިއްޒަށް ވޯޓު ދޭނެ އެމީހުން،" ކުރިން ވާހަކަ ދެއްކި މުއިއްޒު ޓީމުގެ މީހާ ބުންޏެވެ.
އެ ވިދާޅުވީ 79 މެމްބަރުންގެ ތާއީދު މުއިއްޒަށް ލިބޭ ނަމަ އެއީ ސެނެޓުގެ 60 ޕަސެންޓެވެ.
ނަމަވެސް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓު އާންމު އުސޫލެއްގެ ގޮތުން ލިބޭނީ ޕްރައިމަރީއަކުންނެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ނަމަ އެބޭފުޅަކަށް ޓިކެޓު ދޭން ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ނިންމިދާނެ އެވެ. އޯގަސްޓް، 2022، ގައި ރައީސް ޔާމީނަށް ޕީޕީއެމުން ރިޔާސީ ޓިކެޓު އެރުވީއެ ގޮތަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހަތްވަނަ ދުވަހަށް ހަމަވާއިރު ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލަވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. ނަމަވެސް ޕީޕީއެމުން އަދިވެސް ބުނަނީ ޔާމީނުގެ ކެންޑިޑެސީއާ މެދު އުންމީދު ނުގެއްލޭ ކަމަށެވެ.














