ދައުލަތުން ދޭ ދެވަނައަށް އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއަށް ސަރުކާރުން މިއަދު އަރުވައިފި އެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ޑރ.މުސްތަފާ އަށް އެ އިއްޒަތް އެރުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ނިޝާން ދިޔަމިގިލީގެ އިއްޒަތަކީ ޝަރަފުގެ އިއްޒަތަކީ އައް ސުލްތާން މުހައްމަދު ގިޔާސުއްދީން (ދިޔަމިގިލި ބަންޑާރައިން) އަށެވެ.
ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އެރުވުމުގެ ކުރިން ދެއްކި ވީޑިއޯ ރިޕޯޓްގައިވާ ގޮތުން އޭނާއަށް އެ އިއްޒަތް ދެއްވަން ރައީސް އިބްރާހީން މުހައްމަދު ސޯލިހު ނިންމެވީ އޭނާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ވާތީ އެވެ. އެ އިއްޒަތް ދިނީ ތައުލީމީ ދާއިރާއިން ދައުލަތަށް ކޮށްދެއްވާފައިވާ މުހިއްމު ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އައްޑު ސިޓީއަށް އުފަން މުސްތަފާ ލުތުފީ ދައުލަތަށް ހިދުމަތްކުރައްވާތާ މިހާރު 46 އަހަރު ވެއްޖެ އެވެެ. އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޓީޗާ އެޑިއުކޭޓަރެއްގެ ގޮތުގައި 31 ޖެނުއަރީ 1977 ގަ އެވެ.

އޭނާ ކުރެއްވި މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެއް ކަމަކީ ތާނަ ޓައިޕް ރައިޓަރު އުފެއްދުމަށް ޓަކައި ރާއްޖޭގައި އެންމެ ފުރަތަމަ ކުރި ދިރާސާގެ މަސައްކަތެވެ. އޭނާ ކުރެއްވި މުހިއްމު އަނެއް މަސައްކަތަކީ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތެވެ.

މާއްދާއެއްގެ ގޮތުގައި ދިވެހި ބަސް ކިޔަވައިދޭނެ ފޮތްތައް ލިއުއްވުމަކީ ވެސް ޑރ. މުސްތަފާގެ ފާހަގަކޮށްލެވޭ ހިދުމަތެކެވެ.
އަތޮޅުތަކުގައި ފުރަތަމަ ގާއިމްކުރި ކޮމިއުނިޓީ ސްކޫލްތަކުގެ ފެންވަރު މަތިކޮށް، އަތޮޅު ތައުލީމީ މަރުކަޒުތަކަށް ބަދަލުކުރެއްވުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. އޭނާ އަކީ މުދައްރިސުންގެ ތައުލީމީ މަރުކަޒާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ކިޔަވައިދެއްވި ބޭފުޅެއް މެ އެވެ.
ޑރ. މުސްތަފާ ލުތުފީއަށް 2008 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓަރުކަން ދެއްވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އޭގެ ފަހުން އޭނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލާކަން ވެސް ކުރައްވައިފަ އެވެ.












