ފުވައްމުލަކު ސިޓީގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަން 255 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ އެގްރިމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އ ޕްރޮޖެކްޓުގެ ދަށުން ތާރު އަޅާނީ ރަށުގެ އެތެރޭގެ ހުރި މަގުތަކުގަ އެވެ. ތާރު އެޅުމުގެ ފުރަތަމަ ފޭސްގައި ބައެއް އެހެން މަގުތަކުގައި ކުރިން ވަނީ ތާރު އަޅައިފަ އެވެ.
މަޝްރުއޫ ނިންމަން އެމްޓީސީސީއަށް ދީފައި ވަނީ 730 ދުވަހުގެ މުއްދަތެކެވެ.
މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރުއޫގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މަގު ހެދުމުގެ މަސައްކަތުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހަވާލުކޮށްފައި ވަނީ 12 ކިލޯމީޓަރުގެ މަސައްކަތެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީއިން ވަނީ އެތެރޭގެ 31 މަގެއްގެ ތާރު އެޅުމުގެ މަސައްކަތް ނިންމާފަ އެވެ.













