މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުކުރި ނަމަވެސް ސުޕްރީމް ކޯޓުން ހިދުމަތް ދޭނެކަން ހާމަކޮށްފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހު ވެސް ސަރުކާރު ބަންދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ ކޯޓުން ހިދުމަތް ދޭން ނިންމީ ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާތީ އެކަމާ ގުޅޭ މައްސަލައެއް އެ ކޯޓަށް ހުށަހެޅިދާނެ ކަމަށް ބަލައި އެކަމަށް ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރިޔާސީ އިންތިހާބަށް 46 ދުވަހަށް ވެފައިވާއިރު އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަ ހުށަހެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އެ ކޯޓުން އެ މައްސަލަތަކުގައި 48 ގަޑިއިރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ، އެމްޑީޕީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޕީޕީއެމް އިން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހުރީ ޕާޓީން ލީޑަރު ގާސިމް އިބްރާހިމް، އެމްއެންޕީއިން ލީޑަރު މުހައްމަދު ނާޒިމް، އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

އޭގެ ތެރެއިން, ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް އެދި ދެ މައްސަލައެއް ހުށަހެޅި އެވެ. އެ ދެ މައްސަލަ ވެސް އެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.













