ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ނާޒިމްގެ ގޮނޑި ގެއްލުނީ މަކަރާއި ހީލަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. އެ މައްސަލައިގައި ބަދަލު ހޯދުމަށް ނާޒިމް ދައުވާ ކުރީ، 2018 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އެ ހުކުމް, ހަމަ އެ ކޯޓުން މުރާޖައާކޮށް ބާތިލްކުރި ފަހުންނެވެ.
ސިވިލް ކޯޓަށް ކުރިން ހުށަހެޅި މައްސަލަ ބަލައިނުގަތް އިރު، ސުޕްރީމް ކޯޓާ ހަމައަށް އިސްތިއުނާފު މަރުހަލާ ދިޔުމުން އެ ކޯޓުން ހުކުމް ކުރީ އެ މައްސަލައަކީ ސިވިލް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދިނެވެ.
ސިވިލް ކޯޓުން ބުނީ ބަދަލު ހޯދުމުގެ މައްސަލަ ނާޒިމް މި ފަހުން އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ 14 ދުވަހުގެ މުއްދަތަށް ވުރެ ފަހުންނެވެ. އެހެންވެ ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
ނާޒިމް ހުށަހެޅި މައްސަލާގައި ވަނީ ޖަލު ހުކުމް ބާތިލުކުރުމުން މެމްބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި ޕެންޝަން އަދި ޖަލު ހުކުމެއް ތަންފީޒުކޮށްފައި ވާތީ އޭގެ ބަދަލު ނަގައިދިނުމަށެވެ.

ނާޒިމްގެ މައްޗަށް ހުކުމް ކުރުމުން އޭނާ ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު އެނބުރި އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުންނެވެ.
ނާޒިމްގެ ގޮނޑި ގެއްލުމާއެކު އޭރު ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވީ، ޕީޕީއެމްގެ ޓިކެޓްގައި އެ ގޮނޑިއަށް ވާދަކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް އެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު ކަމަށް ނާޒިމް ކުރިމަތިލެއްވި ނަމަވެސް، އޭނާއަށް ގޮނޑި ކާމިޔާބެއް ނުވި އެވެ. އެފަހުން އޭނާ އުޅުއްވަނީ ސިޔާސީ ދާއިރާއާ ދުރުގަ އެވެ.












