ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އޮގަސްޓު 28 އާ ހަމައަށް އިތުރުކޮށްފިވާކަން ކަރެކްޝަންސް އިން ހާމަކޮށްފި އެވެ.
ކަރެކްޝަނަލް ސާވިސަސް އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިފައިވާތީ، އޮގަސްޓު 28, 2023 އާ ހަމައަށް އެ ގޮތަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
އެ ސާވިސް އިން ބުނި ގޮތުގައި އަދީބު ރާއްޖޭން ބޭރަށް ފޮނުވީ އޭނާ އަނބުރާ ރާއްޖެއަށް ގެނެވޭނެކަން ކަށަވަރުކޮށްފައި ކަމަށެވެ. އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާ އިރު އޭނާގެ އަރިހުގައި ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށް ބުންޏެވެ.
އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވެ އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު (ހަނަފީ) މީގެ ކުރިން "އަދަދު" އަށް ވިދާޅުވި ގޮތުގައި އަދީބު ސިންގަޕޫރަށް ދަތުރުކުރެއްވީ އޭނާގެ ދާއިމީ ޕާސްޕޯޓާ އެކުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ދޫކޮށްފައި ވަނީ ވަގުތީ ޓްރެވެލް ޑޮކިއުމެންޓެއް ކަމަށް ހަނަފީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލުހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި އޮތީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.
އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.













