އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކޮށް، ވަގުފާރި އާއި އިމިގްރޭޝަންއާ ގުޅުން ހުރި ކުށްތައް މަދުކުރަން ރާއްޖެ އާއި އަވައްޓެރި އިންޑިއާއާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން އެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ހޯމް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރަޓަރީ، ސުމާންތު ސިންގެވެ.
ރާއްޖޭގެ އިމިގްރޭޝަނުން ބުނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ބަދަލު ކުރުމަށާއި، ބޯޑަ ކޮންޓްރޯލް މެނޭޖުމެންޓު ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އޮފިސަރުން ތަމްރީނު ކުރުމާއި، ވަގުފާރި އާއި އިމިގްރޭޝަންއާ ގުޅުން ހުރި އެހެން ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ އެވެ.
މި އެއްބަސްވުމަކީ ދެ ގައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.












