ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް ހާއްސަ މައިކްރޯފައިނޭންސް ސްކީމެއް ފުވައްމުލަކު ސިޓީ ކައުންސިލުން އިފްތިތާހުކޮށްފިއެވެ.
މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ސްކީމް އިފްތިތާހުކޮށްދެއްވީ އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.
މި ސްކީމުގެ ދަށުން ޖުމުލަ 14 ދާއިރާއަކުން ލޯނު ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި:
- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކްއަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާޓްސް އަދި މިއުޒިކް
- ކުޅިވަރު އަދި ފިޓްނަސް
- މަސްވެރިކަން
- އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓެނަންސް
- މެނުފެކްޗަރިން
- ދަނޑުވެރިކަން
- ވެލްޑިންގް އަދި ކާޕެންޓްރީގެ މަސައްކަތް
- ފަތުރުވެރިކަން
- އަމިއްލަ އުފެއްދުންތައް
އަލަށް ފަށާ ވިޔަފާރިތަކަށާއި ވިޔަފާރިފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީގެ ގޮތުގައި މިލޯނުގެ ދަށުން ގިނަވެގެން 50،000ރ. ދޫކުރާނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެ އެވެ. އަދި ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ދެވިގެންދާނެ އެވެ.

މިލޯނަށް އެދި ހުށައަޅަންޖެހޭ ފޯމާއި، ލޯނާއި ގުޅޭ އިތުރު މައުލޫމާތު ފުވައްމުލަކު ސިޓީ ކައުންސިލުގެ ވެބްސައިޓްއިން އަދި ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.













