އަޑު ފެތުރިފައިވިޔަސް ޑިމޮކްރެޓްސްގެ ޕްރައިމަރީގައި އަމްރު ވާދައެއް ނުކުރައްވާނެ

އަޑު ފެތުރިފައިވިޔަސް ޑިމޮކްރެޓްސްގެ ޕްރައިމަރީގައި އަމްރު ވާދައެއް ނުކުރައްވާނެ

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވާދަކުރައްވާނެ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އޭނާ އެ ކަން ދޮގުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި އާ ސިޔާސީ ޕާޓީ، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވަނީ މިއަދު ހަވީރު 4:00 ޖަހާއިރެވެ.

އެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލުމުގެ ކުރިން ވެސް، ރައީސް ނަޝީދު އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓަކަށް އަމްރު ނެރުއްވުމަށް އެމަނިކުފާނު ލަފާ ދެއްވާފައިވާ ކަމަށް އަޑުފެތުރިފައިވެ އެވެ.

"އަޅުގަނޑު [ޕްރައިމަރީގައި] ވާދައެއް ނުކުރާނަން،" ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާ މެދު "އަދަދު" ނޫހުން ސުވާލު ކުރުމުން ވިދާޅުވި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރިޔާސީ ޕްރައިމަރީއަށް އިލްޔާސާއި އަމްރުގެ ތެރެއިން ކޮންމެ ވެސް އެއް ބޭފުޅަކު ނުކުންނެވުމަށް ނަޝީދު ލަފާ ދެއްވާފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ނަޝީދަށް ތާއީދު ކުރައްވަން އަމްރު ނިންމެވި ފަހުން، ނަޝީދުގެ ވަފާތެރިންގެ ތެރޭގައި އޭނާގެ މަގުބޫލުކަން ވެސް އިތުރުވެގެން ދިޔަ އެވެ. އަދި ޕްރައިމަރީއަށް ފަހު އަމްރަކީ ނަޝީދުގެ އިހުތިޔާރެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވެސް ވެ އެވެ.

ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރެއްވީ ވެސް އިލްޔާސް އެކަންޏެވެ. މިއަދު މެންދުރުފަހު 1:00 ޖަހާއިރު އޭނާގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވަން އިލްޔާސް ވަޑައިގަންނަވާނެ އެވެ.

އާ ސިޔާސީ ޕާޓީ އުފެއްދުމަށް ފަހު ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެ ކަމަށް ވެސް ބެލެވުނެވެ. އެހެން ނަމަވެސް ނަޝީދު ވަނީ އެ ކަމަށް އެމަނިކުފާނުގެ ޝައުގެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވަނީ އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީއަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ވެސް ކުރިއަށް ނެރުއްވައިފަ އެވެ. އެ ކަމަށް އަދި އެއްބަސްވީ ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. އެ ކަމުގައި ޕީޕީއެމްގެ ރުހުން ވެސް އެ ޕާޓީތަކުން ބޭނުންވެ އެވެ.

ޕީޕީއެމުން އެ ކަމުގައި ބުނަމުން އަންނަ ވާހަކަ އަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެ ކެންޑިޑޭޓުގެ ގޮތުގައި ހަމަޖެއްސުމަށެވެ. ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ވާދައެއް ނުކުރެވޭ އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ އިސްކޮށް ހުންނެވި އަދި އެމްޑީޕީގެ އެއް ބާނީ ނަޝީދަކީ މީގެ ކުރިން 2008، 2013، އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ކަނޑައެޅި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް 2018 ގައި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ އެތެރޭގެ ގުނަންތައް އޮތީ އެމަނިކުފާނުގެ ބާރުގެ ދަށުގަ އެވެ. އަދި އެމްޑީޕީގެ އެތެރޭގައި ބޭއްވި ބޮޑެތި އިންތިހާބުތައް ވެސް ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ. އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox