ފެމިލީ ކޯޓަށް ގެންދިޔަ ގައިދީއަކަށް އެ ޑްރަގް ހަވާލު ކުރަން, ބޮކްސާ ތެރޭގައި ޑްރަގް ފޮރުވައިގެން ދިޔަ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސެޕްޓޭމްބަރު 13، 2018ގައި މާލޭ ފެމިލީ ކޯޓު ކައިރިން މއ. ކަނޑޫގެ، އަހުމަދު ރަޝީދު ހައްޔަރު ކުރީ އޭނާ ޑްރަގާއެކު ފެމިލީ ކޯޓު ކައިރިއަށް ދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިގެންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު ބޮކްސާ ތެރެއިން، ބޭރުން ކޮންޑަމެއް ލައްވާފައި ހުރި އިންސިއުލޭޝަން ޓޭޕުތަކެއްގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުތަކުން ޖުމްލަ 63.5 ގްރާމް ޑައިމޯފިން ފެނިފައިވެ އެވެ.
އަހުމަދު ރަޝީދު ހައްޔަރުކޮށްގެން ތަހުގީގަށް ސުވާލުކުރުމުން އޭނާ ވަނީ ޑްރަގް ގެންދިޔަ ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން ޑްރަގް އޭނާ އަތަށް ދިނީ ނިޔާޒު ކިޔާ، ފުރިހަމަ ނަން ނޭނގޭ މީހެއް ކަމަށާއި އެ ތަކެތި ހަވާލު ކުރަން އެންގީ މާފުށިން އަންނަ ގައިދީއަކާ ކަމަށެވެ. އެކަމަކު، އޭނާގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއަށް ކުރީ އިންކާރެވެ.
ބޮކްސާ ތެރެއިން ފެނުނު ޑްރަގްގެ ހިޔާޒަތާ މެދު އަހުމަދު ރަޝީދުގެ ފަރާތުން ކޯޓުގައި ސުވާލު އުފައްދާފައި ނުވެ އެވެ. ފެނުނު ޑްރަގްގެ ބަރުދަނުގައި 63.5 ގްރާމް ހުރި ކަމާ މެދު ވެސް ސުވާލެއް ނުއުފައްދަ އެވެ.
ދައުވާ ލިބުނު އަހުމަދު ރަޝީދު މައިގަނޑު ގޮތެއްގައި ދިފާއުގައި ފާހަގަކުރީ އޭނާ ހައްޔަރު ކުރުމުގައި އަމަލު ކުރި ގޮތާ ބެހޭ ކަންތައްތަކެވެ. އެގޮތުން ކޯޓު އަމުރަކާ ނުލައި އޭނާ ބަލައިފާސްކުރި ގޮތް ގޯސް ކަމަށް ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން މިިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އޭނާ ތަހުގީގުގައި ދައްކާފައިވާ ވާހަކަތާއި ފުލުހުން ދިން ހެކިބަހާ ދިމާވާ ކަމަށެވެ. އެހެންވެ، އޭނާގެ ވާހަކަތަކަށް ފުލުހުންގެ ހެކިބަހަށް އިތުރު ބުރަދަނެއް ލިބިދޭ ކަމަށް ވެ އެވެ.
ސީނުގައި ކަން ހިނގައި ދިޔަ ގޮތް ކިޔައިދީ ފުލުހުން ދިން ހެކިބަހުންނާއި މަސްތުވާތަކެތީގެ ތަހުލީލު ކުރި މީހުންގެ ހެކިބަހަށް ބަލައި ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށެވެ.
އިންޓެލިޖެންސް މައުލޫމާތު ލިބުނު ވަގުތާއި ހައްޔަރު ކުރި ވަގުތާ ދެމެދު ހަ ގަޑިއިރު ހޭދަވެފައިވުމުން އެކަށީގެންވާ ވަގުތު އޮވެ ކޯޓު އަމުރެއް ނުހޯދާ ކަމަށް ދިފާއުން ބުނެފައިވެ އެވެ. އެކަމަކު، އޭނާ ހައްޔަރު ކުރީ ސީނަށް ދިޔަ ފުލުހުންނަށް އެ މައުލޫމާތު ލިބުނުތާ ކުޑަ އިރުކޮޅެއް ތެރޭގައި ކަމަށްވާތީ ކޯޓުން ނިންމީ ގިނަ އިރުތަކެއް ހޭދަ ނުވާ ކަމަށެވެ.
އޭނާ ހައްޔަރު ކުރީ ފެމިލީ ކޯޓު ކައިރިއަށް ޑްރަގް ހިފައިގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވާތީ އޭނާ ހައްޔަރު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ހުކުމުގައިވެ އެވެ. އަދި ބަލައިފާސްކުރީ ރަނގަޅަށް ކަމަށް ނިންމާފައިވެ އެވެ.
ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނިންމީ، މި މައްސަލައިގައި އަހުމަދު ރަޝީދު ބަންދުގައި ހޭދަ ކުރި 42 ދުވަސް ހުކުމުން އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 24 އަހަރާއި 10 މަހާއި 18 ދުވަސް ކަމަށެވެ. އޭގެ އިތުރުން 100،000ރ. އިން ޖޫރިމަނާ ކުރަން ވެސް ނިންމި އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް އޮންނަ އަދަބަކީ އުމުރަށް (ތަންފީޒު ކުރަން ޖެހޭނީ 25 އަހަރު) ޖަލަށްލުމާއެކު 100،000ރ. އާއި 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.












