ޔޫކްރެއިނާ ދެކޮޅަށް ރަޝިއާއިން ފެށި ހަނގުރާމައާ ގުޅިގެން ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސެމީކޮންޑަކްޓަރު އިމްޕޯޓުކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅިގެން ރާއްޖެ މަގުން އެ ރަޝިއާއަށް ގިނަ އަދަދެއްގެ ސެމީކޮންޑަކްޓަރު ޗިޕު އެތެރެކުރަމުންދާކަން ދުނިޔޭގެ އެންމެ ބޮޑު މާލީ ނޫސް ކަމަށްވާ ނިކެއިން ޝާއިއުކުރި ރިޕޯޓަކުން ހާމަވެއްޖެ އެވެ.
މި ރިޕޯޓު އެ ނޫހުން ތައްޔާރުކުރީ އިންޑިއާގެ ރިސާޗު ފާމެއް ކަމަށްވާ އެކްސްޕޯޓު ޖީނިއަސް އިން ހޯދި ރަޝިއާގެ ކަސްޓަމްސް ކްލިއަރެންސް ތަފާސްހިސާބުތައް ދިރާސާކޮށްގެންނެވެ.
އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ހަނގުރާމައަށް އެއް އަހަރުވީއިރު އެމެރިކާގައި އުފައްދާފައިވާ 400,000 ސެމީކޮންޑަކްޓަރު ޗިޕު ރާއްޖެ މަގުން ރަޝިއާއަށް އެތެރެކޮށްފައިވެ އެވެ. ރާއްޖޭގައި ޓްރާންސިޓުވުމަށް ފަހު ރަޝިއާއަށް ގެންދިޔަ މި ޗިޕުތަކުގެ އަގު 53.6 މިލިއަން ޑޮލަރަށް އަރަ އެވެ.
ރާއްޖެއަށް ވުރެ އިތުރަށް ރަޝިއާއަށް ސެމީކޮންޑަކްޓަރު ޗިޕު ފޯރުކޮށްދީފައިވަނީ ހަމައެކަނި ޗައިނާއިންނެވެ. ހަނގުރާމަ .ފެށުމުގެ ކުރިން މިފަދަ އެއްވެސް ޝިޕްމެންޓެއް ރާއްޖެ މަގުން ރަޝިއާއަށް އެތެރެކޮށްފައި ނުވެ އެވެ.
ނިކެއި އިން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ޝިޕްމެންޓުތައް އެންމެ ބޮޑަށް އިތުރުވީ މެއި 2022 ގަ އެވެ. އެއީ, ރަޝިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއިރޯފްލޮޓްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށި ދުވަސްވަރެވެ.

ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭން 2021 ގައި އެކްސްޕޯޓުކުރި މުދަލުގެ އަގު އަރަނީ 280 މިލިއަން ޑޮލަރަށެވެ. އެހެންކަމުން, ފާއިތުވެދިޔަ އަހަރުތެރޭ ރާއްޖޭގައި ޓްރާންސިޓުވުމަށް ފަހު ރަޝިއާއަށް ގެންދިޔަ ސެމީކޮންޑަކްޓަރު ޗިޕުތަކުގެ އަގު އެ އަދަދުގެ 20 އިންސައްތައަށް އަރަ އެވެ.
އާންމު ގޮތެއްގައި ޓްރާންސިޓު ކުރުމަށް ފޮނުވާ މުދަލަށް އަމަލުކުރަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ "ރީ-އެކްސްޕޯޓް" އެއްގެ ގޮތުގައި ބެލުމެވެ. އެއީ, ބަނދަރަށް މުދާ ބާލައި, ކަސްޓަމްސް ކްލިއަރެންސަށް ފަހު އެއްވެސް ބަދަލެއް ނުގެނެސް އަލުން އެހެން އުޅަނދަކަށް ލޯޑު ކުރުމެވެ.
ދެވަނަ ގޮތަކީ "ޓްރާންސްޝިޕްމެންޓްސް" ގެ ގޮތުގައި ފޮނުވާ މުދަލެވެ. މެދުވެރިޔަކަށް ވާ ގައުމުގެ ކަސްޓަމްސް އިން މިފަދަ ޝިޕްމެންޓުތަކެއް ޗެކެއް ނުކުރާނެ އެވެ.
ރާއްޖޭގެ ކަސްޓަމްސް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2022 ގައި ރަޝިއާއަށް އެކްސްޕޯޓުކުރީ އެންމެ 10 ޑޮލަރު ނުވަތަ 169ރ. ގެ އަގުހުރި ސެމީކޮންޑަކްޓަރު ޗިޕެވެ. "ޓްރާންސްޝިޕްމެންޓްސް" ގެ ގޮތުގައި ބަލާ މުދަލުގެ ތަފާސްހިސާބު ރާއްޖޭގެ ކަސްޓަމްސްއިން ބަލަހައްޓަމުން ނުދާ ކަމަށް ނިކެއިގެ ރިޕޯޓަށް މައުލޫމާތު ދިން އެ އިދާރާގެ އޮފިޝަލަކު ބުނެފައިވެ އެވެ.
ރަޝިއާގެ އިދާރާތަކުގައި ހުރި ތަފާސްހިސާބުތަކުގައި މި ސެމީކޮންޑަކްޓަރުތައް އެކްސްޕޯޓުކުރި ގައުމެއްގެ ގޮތުގައި ޖަހާފައި ވަނީ ރާއްޖެ އެވެ. ނަމަވެސް, ރާއްޖެއަކީ އެއްވެސް މިންވަރަކަށް ސެމީކޮންޑަކްޓަރު އުފައްދައި އޭގެ ވިޔަފާރި ކުރަމުން އަންނަ ގައުމެއް ނޫނެވެ.













