ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭކުޅޭ ދުންމާރިއެއް ނަގައިފި އެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީ ޑޮކްޓަރު މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހޮސްޕިޓަލުން ފަރުވާ ހޯދި ކުއްޖެއްގެ ފުއްޕާމެއިން، ކުޑަކުދިން ކުޅެން ބޭނުންކުރާ އެއްޗެއްގެ ދުންމާރިއެއް ނަގާފައިވާ ކަމަށެވެ. އޭގައި ތިން ސެންޓިމީޓަރު ހުރެ އެވެ.
އަޑު ގޮއްވާ އެ އެތި ނެގީ ކޮން އުމުރެއްގެ ކުއްޖެއްގެ ފުއްޕާމެއިން ކަމެއް ޑރ. މުހައްމަދު އަލީ ވިދާޅުވެފައެއް ނުވެ އެވެ. އެބައި ފުއްޕާމެއަށް ދިޔައީ އަޑު ގޮއްވަން އަނގަޔަށް ލައިގެން އުޅެމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައިވެ އެވެ
"ފުއްޕާމޭގައި އޭތި ތާށިވީ ކުޅެން އުޅުމުގެ ތެރޭގައި އޭތި އަނގަޔަށް ލައިގެން ހުއްޓާ ދިރުވާލެމުންކަމަށް ބެލެވެނީ. އެފަދަ ތަކެތި އަނގަޔަށް ލައިގެން އުޅުމަކީ ނުރައްކާތެރި ކަމެއް. ނޭނގި ހުއްޓާ ދިރުވާލެވިގެން ފުއްޕާމޭގައި ތާށިވެދާނެ" ޑރ. މުހައްމަދު އަލީގެ ޓްވީޓުގައި ބުނެފައި ވެއެވެ.
ކުއްޖާގެ ފުއްޕާމެއިން ދުންމާރި ނެގުމަށް ކުރި އޮޕަރޭޝަނުގައި އައިޖީއެމްޗްގެ އެތެރެހަށީ ހާއްސަ ޑޮކްޓަރުންގެ ޓީމުންނާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރިވި އެވެ.

މީގެ ކުރިން އައިޖީއެމްއެޗުގައި ކުރި މިފަދަ އޮޕަރޭޝަންތަކުގައި ވެސް ކުޑަކުދިންގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނާއި، ސުޕާރީ ފަދަ ތަކެތި ނަގާފައިވެ އެވެ.












