ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރޭ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ދެ ފިޔަވަހިންވެސް ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ކޭބަލަށް ގެއްލުންވުމުގެ ސަބަބުން މިވަގުތު ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި، ފުރަތަމަ ފިޔަވަހީގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށާއި ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް ކުޑަ ވަގުތުކޮޅެއް ތެރޭ އަލުން ކަރަންޓު ދެވިގެންދާނެ ކަމަށެވެ.
"އެހެން ނަމަވެސް ދެވަނަ ފިޔަވަހީގެ އެސްއޯއީތަކުގެ ފްލެޓްތައް ހުންނަ ސަރަހައްދަށް ކަރަންޓު ދެވޭނީ ކޭބަލް މަރާމާތު ކުރުމަށް ފަހު. އެ މަސައްކަތަށް 2 ގަޑި އިރުވަރު ހޭދަ ވާނެ ކަމަށް ބެލެވޭ" ސްޓެލްކޯއިން ބުނެފައިވެ އެވެ.
ހުޅުމާލޭގެ ދެ ފިޔަވަހީގައި އެކި މަސައްކަތްތައް ކުރުމުގެ ތެރޭގައި ކޭބަލްތަކަށް ގެއްލުންވެގެން ކަރަންޓު ކެނޑުން މިހާރު ވަނީ އާންމުވެފަ އެވެ. އެގޮތުން މިދިޔަ މަހުވެސް ދެވަނަ ފިޔަވަހިން ހައެއްކަ ގަޑީރުވަންދެން ކަރަންޓު ކެނޑުނެވެ.












