ޖާހް ކޮންސްޓްރަކްޝަންސްގެ ފަރާތުން ހުޅުމާލޭގައި އަޅަމުން އަންނަ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުން އަވަސްކުރުަމަށް ޓަކައި އެ މަސައްކަތާ އާބަންކޯ އިން ހަވާލުވެއްޖެ އެވެ.
އާބަންކޯގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ފްލެޓްތަކުގެ 91 ޕަސެންޓް މަސައްކަތް ނިމިފައި ވާއިރު އަނެއް ނުވަ ޕަސެންޓް މަސައްކަތް ކުރާނީ ސީދާ އާބަންކޯއިންނެވެ. އެކަން އެގޮތަށް ކުރުމަށް ޓަކައި ޖާހް ކުންފުންޏާ އެކު އާބަންކޯއިން އެއްބަސްވީ ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ލަގްޒަރީ ފްލެޓް އަޅައި ވިއްކުމުގެ ޕްރޮޖެކްޓެއް ހޯދުމަށް ފަހު، ޖާހް އިންވެސްޓްމެންޓުން ވަނީ އެޕާޓްމެންޓްތަކެއްގެ އަގު، އެތަންތަން ގަންނަ ފަރާތްތަކުގެ އަތުން ހޯދައިފަ އެވެ. އެހެން ނަމަވެސް އެތަންތަން ނުނިމި ދިގުލައިގެން ދިއުމުން، ޖާހް ކުންފުނިން ދިވެހި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ބުނެ ފުލުހުންނަށް ބަޔަކު މައްސަލަ ވެސް ހުށަހެޅި އެވެ.
އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖާހް ކޮންސްޓްރަކްޝަންގެ ހައުސިން ޔުނިޓްތަކުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށްދީ، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އެ ޕްރޮޖެކްޓަކީ 91 ޕަސަންޓު މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓެއްކަމުން ޑިވެލޮޕަރު ބަދަލުކޮށް، އަލުން މަސައްކަތް ފެށުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.
އާބަންކޯއާއި ޖާހް ކުންފުނި އަދި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތައް ކުރިއަށް ގެންގޮސް، ވީހާވެސް އަވަހަކަށް ނިންމުމަށް ހަމަޖެހިފައިވާކަމަށް ވެސް އާބަންކޯގެ ބަޔާނުގައި ބުންޏެވެ.

"މި ކޯޕަރޭޝަންްގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ، ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުން،" އާބަންކޯއިން ފާހަގަކުރި އެވެ.
.












