ވިއްކުމަށް ޓަކައި ލަގްޒަރީ ފްލެޓްތަކެއް އަޅަން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ފަސް ބިމެއް ދޫކުރަން އާބަންކޯއިން ބީލަމަށް ހުޅުވާލައިފި އެވެ.
އާބަންކޯއިން އިއްޔެ ކުރި އިއުލާނެއްގައި ވާ ގޮތުން އަންނަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި ބިންތަކަށް ބީލަން ހުށަހެޅޭނެ ކަމަށެވެ. ޕްރޮޕޯސަލްއާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ވެސް ހުށަހަޅަންޖެހެ އެވެ.
ހުޅުމާލޭގައި ހުންނަ ދިރާގު އޮފީސް ކައިރީގައި އޮންނަ ތިން ބިމެއްގެ އިތުރުން ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމެއް ހިމެނޭހެން ބީލަމަށް ހުޅުވާލައިފައިވަނީ ޖުމުލަ ފަސް ބިމެވެ.
- ލޮޓް 10322: 25،660 އަކަފޫޓު
- ލޮޓް 11808: 24،961 އަކަފޫޓު
- ލޮޓް 11809: 24،652 އަކަފޫޓު
- ލޮޓް 11828: 20،727 އަކަފޫޓު
- ލޮޓް 11829: 23،229 އަކަފޫޓު
މި ބިންތަކަށް ބީލަން ހުޅުވާލުން ވެސް އޮންނާނީ 17 އޮގަސްޓުގައިކަމަށް އާބަންކޯއިން ބުނެ އެވެ.
ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމް، ބަދިގެ އަދި ކާގޭގެ އިތުރުން ލޯންޑަރީ އަދި ބެލްނަކީ ހިމެނޭހެން އެ ބިންތަކުގައި ހެދޭނީ 1،000 އަކަފޫޓާއި 1،300 އަކަފޫޓުގެ ކޮޓަރީގެ އެޕާޓްމަންޓްތައް ކަމުގައި އިއުލާނުގައި ބުނެފައިވެ އެވެ.

މި ބީލަމާއި ބެހޭ އިތުރު މައުލޫމާތު 3353535 އަށް ގުޅައިގެން ނުވަތަ އާބަންކޯއަށް އީމެއިލްކުރުމުން ލިބޭނެ އެވެ.












