މަރާލާނެ ކަމަށް ބުނެ މަންމައަށް ބިރުދައްކައި އިންޒާރު ދިން މީހަކު ތިން މަހާއި 25 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ހުކުމްކޮށްފި އެވެ.
ހ. ހަނީކޯމްބް، އަހުމަދު ޖަޒީލްގެ މައްޗަށް ދައުލަތުން ބިރު ދެއްކުމުގެ ދައުވާ ކުރީ، ޑިސެމްބަރު 30، 2021 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި ހަޑިހުތުރުބަހުން ވާހަކަ ދައްކައި ތަކެއްޗަށް ގެއްލުންދީ، ތަކުރާރުކޮށް އޭނާގެ މަންމަ "މަރާލާނެ ކަމަށާއި ކަތިލާނެ" ކަމަށް ބުނެ ބިރުދެއްކިކަން ސާބިތުވުމުންނެވެ.
ދައުވާއަށް އިންކާރުކުރި ނަމަވެސް، މާލީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ ޖަޒީލްގެ މައްސަލައިގައި ކުރިއަށްދިޔައީ ވަކީލަކާ ނުލަ އެވެ.
އޭނާ ދިރިއުޅުނު ގޭގެ މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކާއި، އޭނާގެ މަންމަ އާއި، އޭނާގެ ކޮއްކޮގެ އިތުރުން ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން މި މައްސަލައިގައި ހެކިބަސް ދީފައިވެ އެވެ. އެ މީހުންގެ ހެކިބަހުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ބިރު ދެއްކުމާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މީހަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށަށް އޮންނަ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަަލަށްލުމެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން ޖަޒީލް އެދުނީ އެންމެ ލުއި އަދަބެއް ދިނުމަށެވެ. އެހެންވެ، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އެ ހާދިސާއާ ގުޅިގެން އިތުރު ދައުވާތަކެއް ކޮށް ކުށް ސާބިތުވެފައިވާތީ، މި މައްސައިގައި އެންމެ ކުޑަ އަދަބު ކަމަށްވާ ހަ މަސް ދުވަހުގެ ޖަލު އަދަބެއް އޭނާއަށް ދިނުމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުގައި ހޭދަ ކުރި 65 ދުވަސް ހުކުމުން އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ތިން މަހާއި 25 ދުވަހެވެ.
ޖަޒީލްއަކީ އެމްޑީޕީ އޮފީހުގައި މާރާމާރިއެއް ހިންގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ)ގެ ބޯ ފަޅާލި މައްސަލައިގައި ނުވަ މަހަށް ޖަލަށްލި މީހެކެވެ.













