ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ހުއްދަ ދިނުމާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
އޭނާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ރޭ 11:55 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ފްލައިޓަކުންނެވެ.
ކަރެކްޝަނަލް ސާވިސްއިން އިއްޔެ ބުނީ އަދީބު ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަ ދިނީ މެޑިކަލް ބޯޑްގެ ލަފަޔާ އެކުގައި ކަމަށެވެ.
"މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޒް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަަހުމަދު އަދީބް އަބްދުލްގަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު މި ސާވިސްއިން ވަނީ ދީފައި،" ކަރެކްޝަނަލް ސާވިސް އިން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.
އެ ސާވިސް އިން ބުނި ގޮތުގައި އަދީބު ރާއްޖޭން ބޭރަށް ފޮނުވީ އޭނާ އަނބުރާ ރާއްޖެއަށް ގެނެވޭނެކަން ކަށަވަރުކޮށްފައި ކަމަށެވެ. ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު "އަދަދު" އަށް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާ އިރު އޭނާގެ އަރިހުގައި ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށެވެ.

"އޭނާއާ އެކު ސެކިއުރިޓީ [އޮފިސަރުން] ފޮނުވޭނެ. އޭނާ ބެލެހެއްޓޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި،" ކޮމިޝަނާ ވިދާޅުވި އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު (ހަނަފީ) "އަދަދު" އަށް ވިދާޅުވި ގޮތުގައި އަދީބު ސިންގަޕޫރަށް ދަތުރުކުރެއްވީ އޭނާގެ ދާއިމީ ޕާސްޕޯޓާ އެކުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ދޫކޮށްފައި ވަނީ ވަގުތީ ޓްރެވެލް ޑޮކިއުމެންޓެއް ކަމަށް ހަނަފީ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލުހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި އޮތީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.
އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.












