ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރަން އަންނަ ހުކުރު ދުވަހުން ފެށިގެން އަށްޑުވަހަށް ދެމިގެންދާ ކާނިވަލެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
ހުޅުމާލެ ބަލަހައްޓާ އާބަންކޯއާ ގުޅިގެން އެ ރަށުގެ ސެންޓްރަލް ޕާކުގައި ބާއްވާ އެ ކާނިވަލަށް ކިޔަނީ "މިނިވަން އުފާ" އެވެ. މިއަހަރުގެ މިނިވަން ދުވަސް އަންނަނީ ދެ ހަފުތާ ފަހުން ބުދަ ދުވަހެއްގަ އެވެ.
މިނިވަން އުފާ ކާނިވަލުގަައި ކުޅިވަރު ސްޓޯލްތަކާއި ކެއުންބުއިން ވިއްކާ ސްޓޯލްތައް ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި ކާނިވާ އިފުތިތާހު ކުރާ ދުވަހު ބޮޑުބެރާއި ސަގާފީ ނެށުމާއި ޒަމާނީ މިޔުޒިކާއި ނެށުމުގެ ހަރަކާތްތަކާއި ވަކިވަކި ފަންނާނުންގެ ހުނަރުތައް ދައްކާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
އެ ކާނިވަލުގައި ތަފާތު ކުޅިވަރުތަކަށް ހާއްސަ 20 ސްޓޯލް ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. ކުޅިވަރުތަކުގެ ތެރޭގައި، އަމާޒަށް ބޮޅު އެއްލުމާއި ފުއްޕާހަން ފަޅައިގެން އިނާމު ހޯދާ ކުޅިވަރަކާއި އަމާޒަށް ހޫޕްސް އުކާ ކުޅިވަރަކާއި އަމާޒަށް ބީން ބޭގް އުކާ ކުޅިވަރަކާއި ބޯޅަ އުކައިގެން ކާށި ވައްޓަންޖެހޭ ކުޅިވަރަކާއި ބުރު އަނބުރާލައި ހަދިޔާ ލިބޭ ކުޅިވަރަކާއި މަރުތެޔޮއަކުން ބާރަށް އެއްޗެއްގައި ޖަހަންޖެހޭ ކުޅިވަރެއް ހިމެނޭނެ އެވެ.
އޭގެ އިތުރުން، އެ ކާނިވަލުގައި ކާބޯތަކެތި ވިއްކުމަށް ހާއްސަ 40 ސްޓޯލެއް ބަހައްޓަ އެވެ. އެ ސްޓޯލްތަކުގައި ލުއި ބުއިމާއި ކޮފީ އާއި އައިސް ކްރީމާއީ ޕޮޕްކޯނާއި ސްނޯ ކޯނާއި ލޮލީ ފަދަ ތަކެއްޗާއި ފާސްޓް ފުޑްސް އާއި ލުއި ކާނާ އާއި ހޯމްބޭކްސް އާއި ދިވެހި ކާނާ ވިއްކާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން ސަލާމަތްވީ ޖުލައި 26، 1965 ގަ އެވެ.











