ޏ. ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖުގެ މައްސަލަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގު ނުކުރަނީސް ބާޖު ފުރައިގެން ހިނގައްޖެ އެވެ.
މި މައްސަލައާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބާޖު ފުރައިގެން ދިއައީ ފަރަށް ނާރާ ކަމަށް ބުނެ، ދޮގު މައުލޫމާތު ދީފައި ކަމަށެވެ. އަދި, މައްސަލަ ތަހުގީގު ނުކުރެވެނީސް ބާޖު ފުރުމާ ގުޅިގެން ފުލުހަށް މި މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.
"ފުރަތަމަ ވެސް ބާޖުގެ ވެރި ފަރާތުން ވިދާޅުވީ ފަރަށް ނާރާކަމަށް. މައްސަލަ ތަހުގީގު ނުކުރެވި އުޅެނިކޮށް ބާޖު ފުންކޮށްގެން ފުރައިފި. އެހެންވެ އީޕީޢޭއިން މިހާރު ނިންމާފައިވަނީ މައްސަލަ ފުލުހަށް ހުށަހަޅަން،" ނައީމް ފާހަގަކުރެއްވި އެވެ.
މިދިޔަ ހުކުރު ދުވަހު ފުވައްމުލަކު ފަރަށް އެރީ އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ދަށުން ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކުރަމުން އަންނީ އެމްޓީ ހޯގާޑު ކުންފުނީގެ ބާޖެކެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގެ އިރުމަތީ ފަރާތުގައި 2,650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑުން ފައިނޭންސް ކުރާ މި މަޝްރޫއަށް ޖުމްލަ 300 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.














