މީޑިއާ ކައުންސިލުގެ މެމްބަރުކަމުގައި ހުރި މުހައްމަދު ޝާފިއުގެ ދައުރު ހަމަވާތީ, އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އަންނަ ސެޕްޓެމްބަރު 10، ގައި ދައުރު ހަމަވާ ޝާފިއުއަކީ މީޑިއާ ކައުންސިލުގެ ހަ ވަނަ ދައުރުގެ އިނާމް ކޮމެޓީގެ މުގައްރިރުކަމާއި އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މެމްބަރުކަން އަދި ހަތް ވަނަ ދައުރުގެ އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މުގައްރިރުކަމާއި އަދި ޝަކުވާ ބަލާ ކޮމިޓީގެ ވެސް މެމްބަރެކެވެ.
މިހާރު ހިންގަމުން މިދަނީ މީޑިއާ ކައުންސިލުގެ ހަތް ވަނަ ދައުރެވެެ.
މީޑިއާ ކައުންސިލުގެ ގާނޫނު ބުނާ ގޮތުން, އެ ކައުންސިލުގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ. އަދި ވިދިވިދިގެން އެއްވެސް މެމްބަރަކަށް ދެ ދައުރު އަދާ ނުކުރެވޭނެ އެވެ. އެހެންކަމުން, ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލުގެ އާންމު މެމްބަރެއްގެ ގޮތުގައި ކުރިމަތިލުމަށް މިމަހު 16ގެ ކުރިން ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުންގެ ޝަރުތުތައް:
- ދިވއްސަކަށްވުން
- 18 އަހަރު ފުރފައިވުން
- ދީނުން ހައްދު ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަސް ސާބިތުވެފައި ނުވުން
- މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ޝަރީއަތަށް ސާބިތުވެފައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައި ނުވުން
- ވޭދުވެދިޔަ ދެ އަހަރު ތެރޭ ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުން
- ހިޔާނާތާއި ރިޝްވަތުގެ ކުށް ޝަރީއަތަށް ސާބިތުވެފައި ނުވުން
- މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހަކަށް ވުން
- ވޭތުވެރިދަ 12 މަހު ނޫހެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައި ނުވުން
އޭގެ އިތުރުން އާންމު މެމްބަރުން ހިވާއިރު, އިޖުތިމާއީ ތަރައްގީ އާއި ދުޅަހެޔޮކަމަށް އަދި ގާނޫނީ, ދިވެހި ބަސް, އިންސާނީ ހައްގުތައް, އިޖްތިމާއީ ސައިންސް ފަދަ ދާއިރާއަކުން މައތީ ތައުލީމު ހާސިލުކޮށްފައިވާ ނަމަ, މެމްބަރުން ހޮވާއިރު މިކަންކަމަށް އިސްލަން ދޭނެ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާންމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ. ދައުރު ހަމަވެފައި މިވަނީ އާންމު މެމްބަރެއްގެ އެވެ.













