ސުޕްރީމް ކޯޓުގައި 2008 ވަނަ އަހަރުން ފެށިގެން އާންމުކޮށް ހުޅުވާލައިގެން ހިންގަމުން އަންނަ ޝަރީއަތްތަކުގެ އޯޑިއާ އާންމުކުރަން ފަށައިފި އެވެ.
އެ ކޯޓުން މިއަދު ބުނީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ފަސޭހައަކަށް ޓަކައި، 2020 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ ވެބްސައިޓުގައި އޯޑިއޯ އާންމު ކުރަމުން އަންނަ ކަމަށެވެ.
"އަދި 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީއަތްތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރެވި، އެ އަޑުއެހުންތަކުގެ ރެކޯޑިން ދަނީ ޔޫޓިއުބް ޗެނައިލްގައި އާކައިވްކުރެވެމުންނެވެ." އެ ކޯޓުން ބުނެފައިވެ އެވެ.
މި މަސައްކަތުގެ ތެރެއިން 2008، 2009 އަދި 2010 ވަނަ އަހަރު ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރުވަނީ ޔޫޓިއުބް ޗެނަލްގައި އާންމު ކުރެވިފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.
އެ ކޯޓުން ބުނެފައިވާ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ 2011 އިން ފެށިގެން 2020 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައިގެން ހިންގާފައިވާ ޝަރީއަތްތައް އާންމުކުރުމުގެ މަސައްކަތް ކަމަށެވެ.













