މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އިތުރަށް ގަދަވެފައި ވާތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މިރޭ 6:45 އިން ފެށިގެން 10:00 އަށް ޔެލޯ އެލާޓު ނެރެފައިވަނީ ރ.އަތޮޅުން ފެށިގެން ފ.އަތޮޅާ ހަމައަށެވެ.
މިދިޔަ ހަފުތާ ފާހަގަކުރި ބޮޑު އީދު ބަންދު ނިމި މި ހަފުތާގެ އާދިއްތަ ދުވަހު ކުރަން ފެށި މި ވިއްސާރައިގައި މުޅި ރާއްޖެ ހިމެނޭހެން ވަނީ ބޯވާރެއާއި ގަދަ ވައިގެ އަސަރުކޮށްފަ އެވެ. އެގޮތުން އިއްޔެ އުތުރުގެ އަތޮޅުތަކަށް ވިލާގަނޑުގައި 55 މޭލަށް ވައި ޖެހިފައިވެ އެވެ.
މި ވިއްސާރައިގައި ތިން ރަށަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އޮފިޝަލަކު "އަދަދު" ވިދާޅުވި ގޮތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ގެއްލުންވީ ރަށްތަކުގެ ޅ.ނައިފަރު، ހއ. އިހަވަންދޫ އަދި ބ. މާޅޮހަށެވެ.
ޅ. ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެ ރަށު ބައެއް ގެތަކުގެ ފާރު ވެއްޓިފައިވާކަމަށާއި، އެއް ގެއެއްގެ ފުރާޅު އެއްލާލާފައިވާކަމަށެވެ. އަދި ގެއްލުންވި ތަންތަން މަރާމާތުކުތުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ރަޝީދު ފާހަގަކުރެއްވި އެވެ.

"ޑެގު އަޅައިގެން ހަދާފަ ހުރި ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފަ މިވަނީ. މަރާމާތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރަޝީދު ވިދާޅުވި އެވެ.
ހއ. އިހަވަންދޫ ކައުންސިލު މެމްބަރު މުހައްމަދު ޒާހިރު ހަސަން "އަދަދު"އަށް ވިދާޅުވީ ބައެއް ގެތަކުގެ ފުރާޅު އެއްލާލުމުގެ ސަބަބުން މީހުންނަށް ވެސް ކުދިކުދި އަނިޔާތައް ލިބިފައިވާކަމަށެވެ. ގެއްލުން ލިބުނު ގެތަކުގެ ތެރެއިން އެއް ގޭގެ ފާރު ވެއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރާޅުތައް އެއްލާލިއިރު އެބަހުރި ބައެއް މީހުންނަށް އެކި ވަރުގެ ކުދި އަނިޔާތައް ލިބިފަ. ކައުންސިލާ އެންޑިއެމްއޭއާ ގުޅިގެން މިދަނީ މަރާމާތުގެ މަސައްކަތް ކުރަމުން،" ޒާހިރު ފާހަގަކުރެއްވި އެވެ.
ވިއްސާރައި ގައި ބ. މާޅޮހުގެ ތިން ގެއަކަށް ފެންވަނުމުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވި އެވެ.
އެ ތިން ރަށުގެ އިތުރުން ވެސް ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވިއްސާރައިގެ ސަބަބުން ކުދި ގެއްލުންތައްވެ ރިޕޯޓުކޮށްފައިވާކަމަށް އެންއެމްޑީއޭއިން މައުލޫމާތުދެއެވެ.













