އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ޗަމްޕާ ބްރަދާސް ހިމެނޭ ކަމަށް ތުހުމަތު ކުރެވިގެން އެންޓި ކޮރަޕްޝަން ކޮމިޝުން (އޭސީސީ) އިން ކުރި ތަހުގީގުގައި، ހެކި ނުފެމުން، އެ މައްސަލަ އިތުރަށް ނުބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.
އޭސީސީން ބުނީ ޗަމްޕާ ބްރަދާސްއަށް ތުހުމަތު ކުރެވުނު މައްސަލަ ބެލި ބެލުމުން، ކޮރަޕްޝަން އަދި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ މިންވަރަށް ހެކި އަދި ގަރީނާ ވެސް ނެތް ކަމަށެވެ. އެހެންވެ އެއީ ކުށެއް އެކުލެވިފައި ނުވާ މައްސަލައެއް ކަމަށް ކަނޑައަޅަން ނިންމީ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަކީ، ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން އުފެއްދި ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން މެދުވެރިކޮށް، ރަށްރަށާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްގެން ހިންގި ޖަރީމާ އެކެވެ. އެ ފައިސާ އެސްއޯއެފް މެދުވެރިކޮށް، ފަރުދުންނާއި ކުންފުނިތައް ހިމެނޭ ގޮތުން 200 އަށް ވުރެ ގިނަ ފަރާތްތަކަށް ފޮނުވި ކަމަށް ތުހުމަތުކުރެވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެ ހިޔާނާތާ ގުޅޭ ކުށްތަކެއް އެމަނިކުފާނުގެ މައްޗަށް ވެސް ވަނީ ސާބިތުވެފަ އެވެ.












