އަންނަ ބުދަ ދުވަހު ފާހަގަކުރާ ބޮޑު އީދުުގެ މުނާސަބަތުގައި މާލެ ޒީނަތްތެރިކުރުމަށް ސިޓީ ކައުންސިލުން ބެހެއްޓި ގިޑިގެތައް އިރުއޮއްސުމާއެކު އެކިކުލަކުލައިން ދިއްލާލައިފި އެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި މާލެ ޒީނަތްތެރި ކުރުމަށް ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ "އީދު މުބާރިކް" އަދި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފަ އެވެ.
އެ ބޮކިފަތިތައް ދިއްލާލީ، މައުރިބު ނަމާދަށް ފަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކައުންސިލުގެ ބައެއް މެމްބަރުން އަދި އާންމުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ބޮކިތައް ދިއްލާލުމަށްފަހު މޭޔަރު މުޒިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، އީދު ފަދަ މުސްލުމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި ސިޓީ ކައުންސިލުން އުޟުހިޔާ ކަތިލަން ހަމަޖެހިފައިވާކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ، ކަތިލުމަށްފަހު އާންމުންނަށް ބަހާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި، މާލެއާއި ވިލިމާލޭގައި ޖުމްލަ 22 ފްރޭމުގައި 2224 ބޮކި ހަރުކޮށްފައި ވެ އެވެ.
އީދަށް މާލެ ޒީނަތްތެރިކުރަން ގިޑިގެތައް ދިއްލާފައިވާއިރު، އީދު ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. ބޮޑުޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު، ސަލްމާން މިސްކިތާއި މާބަލް ސަރަހައްދު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގަ އެވެ.












