ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ކަރުދާހުގައި ފާހަގަޖެހޭ ގޮތް ހަދަން އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގާނޫނަށް ޖޫން 19، ގައި ގެނައި އިސްލާހުގައި ބުނެފައި ވަނީ ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ޓެމްޕްލޭޓެއް މެދުވެރިކޮށް އެ މަގު ފަހިކޮށްދޭންޖެހޭނެ ކަމަށެވެ.
އެއިރުން އެފަދަ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ދޭނީ ކަރުދާހުގެ މަތީގައި ބައިންދާ ނުވަަތަ ކަރުދާސް އެއަށް ލައްވާ، އެތެރެ ފެންނަ ވަސީލަތެކެވެ.
އޭގެ އިތުރުން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ކެންޑިޑޭޓުންނަށް ލިބޭ މުއްދަތު އިތުރު ކުރަން ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައިސް ސޯލިހު މިއަދު ތަސްދީގު ކުރެއްވި އެވެ. ހަމަ ޖޫން 19، ގައި މަޖިލީހުން ފާސް ކުރި އެ އިސްލާހުގައި ވަނީ، ކުރިން ދީފައި އޮތް 10 ދުވަހުގެ ބަދަލުގައި ފޯމު ހުށަހަޅަން 14 ދުވަސް ދޭ ގޮތަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނީ މީގެ 78 ދުވަސް ފަހުން ސެޕްޓެމްބަރު 9، ގަ އެވެ. މިހާރުގެ ރައީސް ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް އެ އިންތިހާބުގައި ވާދަ ކުރައްވާނެ އެވެ.

އޭގެ އިތުރުން، މިވަގުތު އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވެސް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުދަ ދުވަހު ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން އަދި އިއުލާނެއް ނުކުރައްވަ އެވެ.













