ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ފަރިރީތި ފިހާރަ ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި ދައުލަތުން ބިރު ދެއްކުމުގެ ކުށުގެ ދައުވާ އުފުލީ ކުޅުދުއްފުށި، ކަޑީމާގެ، އިބްރާހިމް ހަސަންގެ މައްޗަށެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން މިދިޔަ ފެބްރުއަރީ 4، ގައި އިބްރާހިމް ހަސަން ވަނީ ފަރިރީތި ފިހާރަ ކައިރީ ހުރެ ފިހާރައިގެ ވެރިފަރާތާ ދިމާއަށް "މި ގޮއްވާލަނީ، ދެން ދުއްވާލާނީ، ހުރިހާ ތަނެކޭ،" ބުނެފަ އެވެ.
އެ ދައުވާއަށް އިބްރާހިމް ހަސަން ވަނީ އިއުތިރާފުވެފަ އެވެ.
ގާނޫނުގައި ކުށުގެ އަސާސީ އަދަބަކީ ހަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނަމަވެސް އިބްރާހިމް ހަސަން ކުށަށް އިއުތިރާފުވެފައިވާތީއާއި އޭނާގެ އަމަލަށް ފަހު މީހަކަށް އެއްވެސް ޒާތެއްގެ އަނިޔާއެއް ދީފައިނުވާތީ ކުށުގެ އަދަބު ހަ މަސް ދުވަހަށް ކުޑަކުރުމަށް ކޯޓުން ނިންމި އެވެ.

އެ މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް އޭނާ ޖަލު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު ހުކުމުން ތަންފީޒުކުރަން ޖެހެނީ ފަސް މަހާއި 22 ދުވަހުގެ ޖަލު ބަންދުގެ އަދަބު ކަމަށް ހުކުމުގައިވެ އެވެ.













