ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، އަލީ ވަހީދުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާގެންދަން ޕީޖީ އޮފީހުން ވަނީ ނިންމާފައި -- އަދަދު ފޮޓޯ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާގެންދަން ޕީޖީ އޮފީހުން ވަނީ ނިންމާފައި -- އަދަދު ފޮޓޯ

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތައް ކުރިއަށްނުގެންދަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ފުރި ގޮތަށް އަނބުރާ އައިސްފައި ނުވާތީ، މައްސަލަ ކުރިއަށްނުގެންދެވިގެން، ކޯޓުން ވަނީ ސެޕްޓެމްބަރު 22، 2022 ގައި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފަ އެވެ. އަދި, ޕީޖީ އޮފީހުން ވަނީ އޭނާ އަނބުރާ އައުމުން މައްސަލަ ފޮނުވަން އެދި އޮކްޓޯބަރު 6، 2022 ގައި މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލި ފަހުން، އަނިޔާ ލިބުނު މީހުންނާއި ހެކީންގެ ގޮތުގައި ބަޔާން ދިން މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، އެ އޮފީހަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައިގެ މުހިންމު ހެކީން، އެ މީހުން ތަހުގީގަށް ދިން ބަޔާންތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ތަކުރާރުކޮށް ފުލުހުންނަށް ސިޓީ ފޮނުވަމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަނިޔާ ލިބުނު މީހުންނާއި ހެކީން ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން އެ މީހުންނާ ބައްދަލުކޮށް މައްސަލަ ކުރިއަށްގެންދިޔުމާ މެދު ދެކޭ ގޮތެއް ސާފުކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ. އަދި, އެ މީހުން ބަޔާންތައް އަނބުރާ ގެންދަން ބޭނުންވާއިރު، ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ ދައުވާތައް ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި، އެ ހެކީންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތަތީ، އިސްވެދެންނެވުނު ދައުވާތައް ކުރިއަށްނުގެންދިޔުމަށް ނިންމައި، މައްސަލައަކީ އަނބުރާ ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައި، 6 ޖޫން 2023 ވަނަ ދުވަހު މި އޮފީހުން ވާނީ ކަނޑައަޅާފަ," ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ދައުވާތައް އަނބުރާ ގެންދިޔަސް، މީގެ ކުރިން އަލީ ވަހީދު ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފީ އަޑުއެހުމަކަށް ހާޒިރުނުވި މައްސަލައިގައި އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން އޮތީ ހުކުމްކޮށްފަ އެވެ. އެހެންވެ، އޭނާ އަނބުރާ ރާއްޖެއަށް އަޔަސް އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ އެވެ.

މައްސަލައިގެ ފަސްފަހަތް

އަލީ ވަހީދު ރާއްޖެއިން ފިއްލެވީ ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރެއް ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

އެ ފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox