ހުއިފިލަނޑާ ރައްކާކޮށްފައި އޮތް ގުދަނަކުން ހަތް ހުއިފިލަނޑަ ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުން ހުކުމް ކުރީ ކުރިން ވެސް ވައްކަމުގެ މައްސަލައެއް ސާބިތުވެފައި އޮތް ރ. ދުވާފަރު މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ އެ ރަށު ގުދަނެއްގައި ރައްކާކޮށްފައި ހުރި ހުއިފިލަނޑާތަކެއް ނެގިކަމުގެ ކުށެވެ.
އެ މައްސަލައިގައި ދައުވާ އުފުލުމުން އޭނާ ވަނީ ކޯޓުގައި އެކަމަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން މައްސަލަ ބަލައި ހުކުމް ކުރީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. ދައުލަތުން އެދުނީ އޭނާއަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
ނަމަވެސް, ކޯޓުން ކަނޑައެޅީ އޭނާގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށެވެ. އެކަމަކު މައްސަލައިގެ ތަހުގީގަށް އޭނާ އެއް ދުވަހާއި ދުވަހަކުން ވަގުތުކޮޅެއް ބަންދުގައި ހުރެފައިވާތީ އެ މުއްދަތު ހުކުމުގެ މުއްދަތުން ކަނޑަންޖެހޭނެ ކަމަށް ވެސް ކޯޓުން ނިންމި އެވެ.
ދައުވަ ލިބުނު މީހާގެ މައްޗަށް ކުރިން ސާބިތުވި ވައްކަމުގެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި އޮތީ ހަތަރު މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވީ ފާއިތުވި ދެ އަހަރުގެ ތެރޭގަ އެވެ.













