އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ 10 މަދަނީ ޖަމިއްޔާއެއްގެ އަގު ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް އެވޯޑު ދީފި އެވެ.
ޖަމިއްޔާތަކަށް އެވޯޑު ދީފައި ވަނީ އެކަމަށްޓަކައި މިރޭ ބޭއްވި ހަފްލާގަ އެވެ. އެވޯޑު ލިބުނު އެކި ޖަމިއްޔާތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި، ރަށު ތަރައްގީއަށް އެކި މަސައްކަތް ކުރުން އަދި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރުން ފަދަ މުހިންްމު ދާއިރާތަކަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ޖަމިއްޔާތައް ހިމެނެ އެވެ.
އެވޯޑު ދީފައި ވަނީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ހަ ޖަމިއްޔާއަކަށް އަދި، ސްޕެޝަލް ރެކޮގޮނިޝަންް ޖަމިއްޔާގެ ގޮތުގައި ފާހަގަކޮށްލެވުނު ހަތަރު ޖަމިއްޔާއަކަށެވެ.
މިރޭ އެވޯޑު ލިބުނު 10 ޖަމިއްޔާއަކީ:
އަންހެނުންގެ ކުރިއެރުމާ ތަރައްގީ - ސަދަން ކޮމިއުނިޓީ އެމްޕަވާމެންޓު އޮފް މޯލްޑިވްސް (ސްކީމް)
- ސިއްހީ - އޭޖްޑް ކެއާ މޯލްޑިވްސް
- ހާއްސަ އެހީ - ކެއާ ސޮސައިޓީ
- ތައުލީމީ - އިމަގު
- ދިވެހިންގެ ސަގާފަތާއި ތަރިކަ ދިރުވުން - ދިވެހި ރާއްޖޭގެ ޅެންވެރިންގެ ޖަމިއްޔާ
- ތިމާވެށި ހިމާޔަތްކުރުން - ނައިފަރު ޖުވެނައިލް
ސްޕެޝަލް ރެކޮގްނިޝަން އެވޯޑު؛
- ޖަމިއްޔަތުއް ތައާވޫން
- ޑޭލައިޓު ކްލަބު
- ސްކައުޓު ޖަމިއްޔާ
- މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން
އެވޯޑު ލިބުނު ގިނަ ޖަމިއްޔާތަކުން ވަނީ އެކި ދާއިރާތަކުން އާންމުންނަށް އަދި ރަށްރަށަށް ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އެވޯޑު ލިބުނު ޖަމިއްޔާތަކުގެ ތެރޭގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޖަމިއްޔާތަކާއި، ހަގު ޖަމިއްޔާތައް ވެސް ހިމެނެ އެވެ.













