ހިޔާ ޓަވަރެއްގައި ބަޔަކު އެއްކޮށްލި ދެ ފްލެޓް އަލުން ބައިކޮށް މެދު ފާރު ރާނައި ކުރީ ހުރިގޮތަށް ބަދަލުކުރަން އެމީހުންނަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފި އެވެ.
އާބަންކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފްލެޓު ކުރިންް ހުރިގޮތަށް ބަދަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެތަނުގެ ވެރިން އާބަންކޯއަށް ހުށަހަޅާފައިވާ ކަމަށާއި، އެމީހުން ހުށަހެޅި ސަބަބުތަކަށް ބަލައި އިތުރު ހަތް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައި ވާކަމަށެވެ.
އެއްކޮށްލި ދެ ފްލެޓް އިހު ހުރި ގޮތަށް އިއާދަ ނުކުރުމާއި ޖޫރިމަނާ ފައިސާ ނުދެއްކި މައްސަލާގައި އެތަން އާބަންކޯއާ ހަވާލުކުރަން އެންގި އެވެ. އެހެން އެންގުމުން، އެތަން އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދޭން އެދި ފްލެޓު ވެރިން ސިވިލް ކޯޓަށް ހުށަހެޅި އެވެ.
ހިޔާގެ ކޮންމެ އެޕާޓުމެންޓަކީ ދެ ކޮޓަރި އެވެ. އިންފާރު ތަޅާލުމަށް ފަހު ދެ އެޕާޓުމެންޓު ވަނީ ހަތަރު ކޮޓަރީގެ އެއް އެޕާޓުމެންޓަށް ބަދަލުކޮށްފަ އެވެ. ދެ އެޕާޓެމެންޓެއްގެ ވެރިފަރާތް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސްތެރޭގައި ފައިސާ ދައްކަން އާބަންކޯއިން ވަނީ އަންގައިފަ އެވެ. އެއީ ޖުމުލަ ދެ ލައްކަ ރުފިޔާ އެވެ.
އަދި އެޕާޓުމެންޓު ކުރިންް ހުރި ގޮތަށް އިއާދަކުރުމަށް ވެސް އެންގި އެވެ. އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ އިތުރު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އާބަންކޯއިން ދިނެވެ.













