ވިސްނުމުގެ ބާރު ނެތް ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ އޭނާއާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ކަލައިދޫ، ޑޭޒީމާގެ، އަހުމަދު ޝާކިރުގެ މައްޗަށެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ ޝަރީއަތުގައި އިންކާރުކޮށްފައިވެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކޯޓުން އިއްޔެ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ.
ޖިންސީ ކުށުގެ ގާނޫނު އޮންނަ ގޮތުން، މިފަދަ މައްސަލަތަކުގެ ތަފުސީލު ހާމަކުރުމަކީ މަނާކަމެކެވެ. އެހެންވެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓެއް ކްރިމިނަލް ކޯޓުގެ ވެބްސައިޓަކަށް ނުލަ އެވެ.













