ކުނި ނުއުފައްދާ ތަންތަނުގައި ހުންނަ ކަރަންޓު މީޓަރުގެތަކުގެ މައުލޫމާތު ވެމްކޯއާ ހިއްސާ ކުރުމަށް ސްޓެލްކޯއިން އެދެފި އެވެ.
ސްޓެލްކޯއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ ކަރަންޓު ބިލުގައި ވެމްކޯ ހިދުމަތުގެ ބިލު ހިމަނައިގެން ކަސްޓަމަރުންނަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ، ކުނި ނުއުފައްދާ ތަންތަނުގެ ކަރަންޓު ބިލުތަކުގައި ކުނި ބިލުގެ ފައިސާ ނުހިމަނާނެ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތައް ބަލައި، ލިފްޓްތަކާއި ސާވިސް މީޓަރުތަކުގެ އިތުރުން، ކުނި ނުއުފެދޭ ތަންތަނުގެ ކަރަންޓު ބިލްތަކުގައި ކުނީގެ ހިދުމަތަށް ނަގާ އަގު ހިމަނާފައެއް ނުވާނެ،" އެ މެސެޖުގައި ބުނެފައިވެ އެވެ.
ނަމަވެސް އެއްވެސް ސަބަބާ ހުރެ އެފަދަ ތަނެއްގެ މައުލޫމާތު ހިއްސާނުކޮށް އޮތް ނަމަ ވީހާވެސް އަވަހަށް އެ މައުލޫމާތު ވެމްކޯއާ ހިއްސާ ކުރުމަށް ސްޓެލްކޯއިން އެދިފައިވެ އެވެ.
އެފަދަ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރާނީ ވެމްކޯގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުން، ވެމްކޯއިން އެތަންތަނަށް ގޮސް، ތަން ދިރާސާ ކުރުމަށްފަހު އެ އޮންނަ އުސޫލުގެ ތެރެއިން ބިލްތައް އިސްލާހު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅުގެން ކުރިއަށް ގެންދާނެ އެވެ.

މާލެ ސަރަހައްދުގައި ވެމްކޯއިން ދޭ ކުނީގެ ހިދުމަތާއި ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް ކުރާ ބިލް އެއްކޮށްލުމަށް ނިންމައި އެ ދެ ކުންފުނިން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މީގެ ކުރިން ވަކިން ފޮނުވަމުން އައި ދެ ހިދުމަތުގެ ބިލު އެއްކޮށްލުމަށް ނިންމީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުނި އުކުމުގެ ހިދުމަތަށް ގިނަ އަދަދެއްގެ ގޭބިސީތަކުން ރަޖިސްޓަރީ ނުކޮށް އެ ހިދުމަތް ހޯދަމުންދިޔަ ދިއުމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ވެމްކޯ އުފެއްދީ މީގެ ހަތް އަހަރު ކުރިން އޭރުގެ ސަރުކާރުންނެވެ. އޭރު ބިލުތަކުގެ އޮނިގަނޑު އެކުލަވާލައިފައި އޮތް ގޮތުންނާއި އެ ކުންފުނީގައި ގޭބިސީތައް ރެޖިސްޓާ ކުރުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތުމުގެ ސަބަބުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގައި ރެޖިސްޓާ ކޮށްފައި ވަނީ މާލޭގެ ގެބިސީތަކުގެ ގާތްގަނޑަކަށް 35 އިންސައްތަ އެވެ.
ވެމްކޯ އަދި ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތުގެ ބިލު އެއްކޮށްލައިގެން ފޮނުވުމަށް އެ ދެ ކުންފުނިން ތައްޔާރުވަމުން އަންނައިރު، އެކަމުގައި ދިމާވެދާނެ މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ އެ ދެ ކުންފުންޏާ އެކަމުގައި މުއާމަލާތު ކުރުމަށް މީގެ ކުރިން ވަނީ އެ ދެ ކުންފުނިން ވެސް އެދިފަ އެވެ.
ދެ ކުންފުނީގެ ބިލު އެއްކޮށްލައިގެން ބިލު ފޮނުވާއިރު، ކުނީގެ ހިދުމަތް ހޯދުމަށް ވަކިން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެ އެވެ. ސްޓެލްކޯގެ ކަރަންޓު މީޓަރެއް ބަހައްޓާފައި ހުންނަ ކޮންމެ ތަނެއްގެ ބިލުގައި ވެސް ވެމްކޯގެ ފީ ހިމެނޭނެ އެވެ. ނަމަވެސް 34 ޔުނިޓަށްވުރެ މަދުން ކަރަންޓު ބޭނުންކުރާ ނަމަ އެ ގޭބިސީއަކުން ކުނި ނުއުފައްދާ ކަމަށް ބަލައި، ބިލެއް ނުކުރާނެ އެވެ.













