ހިޔާގެ ދެ ފްލެޓަކަށް ބަދަލު ގެނެސް ދެ އެޕާޓްމަންޓު އެއްކޮށްލި މައްސަލައިގައި ތަން އިހު ހުރި ގޮތަށް ރުޖޫއު ނުކުރުމާއި ޖޫރިމަނާ ފައިސަ ނުދެއްކުމުން އެ ދެ ފްލެޓު ވެސް އާބަންކޯއާ ހަވާލުކުރުމަށް އަންގާފައިވާ އެންގުން ހުއްޓުވުމަށް އަމުރު ނެރެ ނުދިނުމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
އެއްކޮށްލި ދެ ފްލެޓުގެ ވެރިން ވަނީ ފްލެޓު ހުސްކުރުމަށް އާބަންކޯއިން އެންގި އެންގުމަށް އަަމަލުކުރުން ލަސްކުރުމަށް އަދި އެތަނުގައި ދިރިއުޅުމަށް އެއްވެސް ހުރަހެއް ނޭޅުމަށް އާބަންކޯއަށް އަންގާ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.
ދެ ފްލެޓުގެ ވެރިން ހުށަހެޅި މި މައްސަލާގައި ބަޔާންކޮށްފައިވާ ގޮތުން އެޗްޑީސީން ފްލެޓު އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމުގެ 16 ވަނަ މާއްދާއާ ހިލާފަށެވެ.
އަދި ފްލެޓު އަތުލުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުން އެތަނުގެ ފިނިޝިންގެ މަސައްކަތާއި، އެހެނިހެން ކަންކަން ކުރުމަށް ކޮށްފައިވާ އިންވެސްޓުމަންޓު އެކީގައި ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ފްލެޓުގެ އިންފާރު އަލުން ރާނައި ކުރިން ހުރި ގޮތަށް އިއާދަކުރުމަަށް ދީފަައިވާ މުއްދަތަކީ އެކަން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފަ އެވެ.

ފްލެޓުވެރިންގެ އެދުމާ އެއްގޮތަށް ވަގުތީ އަމުރު ނެރެނުދިނުމަށް ސިވިލް ކޯޓުން ނިންމާފައި ވަނީ އެފަރާތްތަކުން އާބަންކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި، އިމާރާތްކުރުމުގެ ގާނޫނާ އެނގިތިބެ ހިލާފްވެފައި ވާތީ ކަަމަށް ސިވިލް ކޯޓުން ވަަނީ ބުނެފަ އެެވެ.
ހިޔާގެ ކޮންމެ އެޕާޓުމެންޓަކީ ދެ ކޮޓަރި އެވެ. އިންފާރު ތަޅާލުމަށް ފަހު ދެ އެޕާޓުމެންޓު ވަނީ ހަތަރު ކޮޓަރީގެ އެއް އެޕާޓުމެންޓަށް ބަދަލުކޮށްފަ އެވެ. ދެ އެޕާޓެމެންޓެއްގެ ވެރިފަރާތް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސްތެރޭގައި ފައިސާ ދެއްކުމަށް ވަނީ އަންގައިފަ އެވެ. އެއީ ޖުމުލަ ދެ ލައްކަ ރުފިޔާ އެވެ.
އަދި އެޕާޓުމެންޓު ކުރިންް ހުރި ގޮތަށް އިއާދަކުރުމަށް ވެސް އަންގާފައި ވެއެވެ. މިގޮތަށް އަމަލުނުކޮށްފި ނަމަ އިތުރު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އާބަންކޯއިން ދިނެވެ.













