ސްޓެލްކޯއިން ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއިން ދިމާވި ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެންޑިފައިވާ މައްސަލަ ހައްލުކޮށް ހިޔާގެ ފުރަތަމަ އަށް ޓަވަރަށް ކަރަންޓު ދޭން އަދި ދެ ގަޑިއިރު ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިޔާ ޓަވަރުތައް ހިމެނޭހެން ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޑު ކެނޑުނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށެވެ.

ގެއްލުންވި ކަރަންޓު ކޭބަލް - ފޮޓޯ: ސްޓެލްކޯ
މިކަން ހައްލުކުރުމަށް އެ ކުންފުނިން މިހާރު މަސައްކަތް ފަށާފައިވާއިރު ހިޔާގެ ޓަވަރު ނުވައަކުން 16 އަށް މިހާރު ވަނީ ކަރަންޓު ދީފަ އެވެ. އަދި, ފުރަތަމަ އަށް ޓަވަރަށް ކަރަންޓު ދިނުމަށް އަދި ދެ ގަޑިއިރު ބޭނުންވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައިވެސް ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ހިޔާގެ ބައެއް ފުލެޓުތަކުން ކަރަންޓު ކެނޑުނެވެ. އެފަހަރުވެސް އެ މައްސަލަ ހައްލުކުރުމަށް ފަސް ގަޑިއިރު ހޭދަވި އެވެ.













