މި އީދު ބަންދުގައި ހިތާނު ކުރުމުގެ ހިތުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މާދަމާ ހުޅުވައިލުމަށް އައިޖީއެމްއެޗުން ނިންމައިފި އެވެ.
އައިޖީއެމްއެޗުން ބުނީ މި މޫސުމުގައި އެ ހޮސްޕިޓަލުން ހިތާނު ކުރުމަށް ހަމަޖެހިފައި ވަނީ ޖުމުލަ 405 ކުދިން ކަމަށާއި އެ އަދަދަށް ކުދިން ހަމަވުމުން ނަން ނޯޓު ކުރުން ހުއްޓާލާނެ ކަމަށެވެ.
ހިތާނު ކުރުމަށް ނަން ނޯޓު ކުރުން ކުރިއަށް ދާނީ މާދަމާއިން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ސާޖަރީ ކައުންޓަރުންނެވެ.
ކޮންމެ އަހަރެއްގެ ވެސް އީދު ބަންދަކީ ގިނަ އަދަދެއްގެ ކުދިން ހިތާނު ކުރާ މޫސުމުކެވެ. ސަރުކާރުން ބަންދުކުރި ތިން ދުވަސް ހިމަނައިގެން މި ފަހަރު ބޮޑު ޗުއްޓީއަށް ނުވަ ދުވަސް ލިބޭނެ އެވެ. އެހެންކަމުން, މި އީދު ބަންދުގައި ގިނަ އަދަދަކަށް ކުދިން ހިތާނު ކުރާނެ ކަމަށް ބެލެވެ އެވެ.
އައިޖީއެމްއެޗުގައި ހިތާނު ކުރަން ފަށާނީ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ އީދަށް ބަންދުވާ ދުވަހުގެ އަނެއް ދުވަހެވެ. އެ ހޮސްޕިޓަލުން ބުނީ ކުދިން ހިތާނު ކުރަމުންދާނީ ނަން ނޯޓު ކުރާ ތަރުތީބުން ކަމަށެވެ.

ކުދިން ހިތާނު ކުރުމާ ގުޅޭ އިތުރު މައުލޫމާތު އޯޕީޑީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް އެ ހޮސްޕިޓަލުގެ ސާޖަރީ ކައުންޓަރު ނަންބަރު، 3335300 އަށް ގުޅައިގެން ހޯދޭނެ އެވެ.












