މީގެ ކުރިން ހަތިމަށް ކުޅު ޖެހި މައްސަލައެއްގައި ހައްޔަރު ކުރި ހަސަން ޒިޔާދު، އޭނާ ދިރިއުޅުނު ގޭތެރޭގައި ހުރި މުދަލަށް ގެއްލުން ދީ އެއްބަނޑު ބޭބެއަށް މަރުގެ އިންޒާރު ދިންކަން ސާބިތުވެ، އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހަތިމަށް ކުޅު ޖެހުމުގެ އިތުރުން، މިސްކިތުގެ ހުރުމަތް ކެނޑާލައިގެންނާއި، ރައީސް އޮފީހުގެ ކުރި މައްޗަށް ކުޑަކަމުދިޔުމާއި ބަރަހަނާ ހާލުގައި މޫދަށް އެރިގެން ވެސް މީގެ ކުރިން ހައްޔަރު ކުރި މއ. ޝޭޑީހޯމް، ޒިޔާދުގެ މައްޗަށް ދައުލަތުން އެ މައްސަލައިގައި އުފުލީ، މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި އަނިޔާއެއް ދީފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ އެވެ.
އެ މައްސަލަ ތަހުގީގު ކުރި ފުލުހުންގެ އިތުރުން ޒިޔާދުގެ އެއްބަނޑު ބޭބެ އާއި އެއްބަނޑު އެއްބަފާ ދައްތަ ވަނީ ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފަ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ޒިޔާދުގެ ބޭބެ ބުނެފައި ވަނީ ޖޫން 27، 2022 ވަނަ ދުވަހުގެ ދަންވަރު، ޒިޔާދު ގޭގެ ބިއްލޫރިތައް ތަޅާލައި، މޯޓަރު ކަނޑާލައި، ދޮންނަ މެޝިން ހަލާކުކޮށް، ގެއިން ކަރަންޓު ޝޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހު ގޭތެރޭގައި އަލިފާން ވެސް ރޯކުރި ކަމަށާއި މުޅި ގޭގައި އަލިފާން ރޯނުވީ ކިރިޔާ ކަމަށް ވެސް ބުންޏެވެ.
އޭގެ އިތުރުން، ޒިޔާދުގެ ބޭބެ ބުނީ، އެ ދުވަހު ޒިޔާދު އޭނާގެ ފަހަތުން ވަޅިއެއް ހިފައިގެން މަރާލާނެ ކަމަށް ބުނެ ދުވި ކަމަށެވެ. އަދި ދުވަމުން އޭނާއާ ދިމާލަށް އެ ވަޅި އެއްލި ކަމަށް ވެސް ބުންޏެވެ.

ހެކިބަހަށް ރިއާއަތްކޮށް، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
ބިރު ދެއްކުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ އެއް އަހަރާއި ހަ މަހާއި ހަތް ދުވަހަށް ޖަލަށްލުމެވެ. އެކަމަކު، ޒިޔާދުގެ މައްޗަށް ފާއިތުވި ހަ މަހުގެ ތެރޭގައި ޑްރަގް ކޯޓުގައި މައްސަލައެއް ސާބިތުވެފައިވާތީ އޭނާގެ ކުރި ކުށް، އެއް ދަރަޖަ އިތުރުކޮށް، އަދަބެއްގެ ގޮތުގައި ކަނޑައެޅީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގެ ތަހުގީގަށް ބަންދުގައި 11 މަހާއި ދެ ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު އުނިކުރުމުން، ބިރު ދެއްކުމުގެ ކުށަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި 28 ދުވަހުގެ ހުކުމެކެވެ.
މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އެކަމަކު، މިއީ ދައުވާ ކުރި ހާދިސާއާ ގުޅޭ ދެވަނައަށް އެންމެ ބޮޑު ކުށަށް ވާތީ، އެ ދައުވާއަށް ދިނީ އަސާސީ އަދަބުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ ކުރިން ވެސް އާންމު ތަންތަނުގައި ކުރި ކުށްތަކާ ގުޅިގެން ޒިޔާދު ހައްޔަރު ކުރި ނަމަވެސް، އޭނާގެ މައްޗަށް އެ މައްސަލަތަކުގައި ދައުވާއެއް ނުކުރެ އެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ތަހުގީގަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓި އެވެ.
އޭނާއާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިނަސް، ދިފާއީ ވަކީލުގެ ސުވާލަކަށް ޖަވާބު ދެމުން ޒިޔާދުގެ ބޭބެ ބުނީ ޒިޔާދާ މެދު ނަފުރަތެއް ނެތް ކަމަށާއި، އޭނާއަކީ ނަފުސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ.
އޭނާ އަކީ ނަފުސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ފުލުހުން ވެސް މީގެ ކުރިން ބުނި ނަމަވެސް، އޭނާގެ އެސެސްމެންޓެއް ހެދުމަށްފަހު ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އެފަދަ މައްސަލައެއް ނެތް ކަމަށެވެ.
ޒިޔާދުގެ އާއިލާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާއަށް ނަފްސާނީ މައްސަލަ ޖެހުނީ މީގެ 15 ވަރަކަށް އަހަރު ކުރިން މާލޭގައި ކުރި މުޒާހަރާތަކެއްގައި ޖަލަށްލި ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނަން ޖެހި އެކަމުގެ އަސަރުކޮށްގެންނެވެ. އޭގެ ކުރިން އޭނާ އަކީ އަމިއްލައަށް މަސައްކަތްކޮށްގެން އުޅުނު މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.













