މަގު ހުރަސްކުރަން, ހުޅުމާލޭގައި ޕެޑެސްޓްރިއަން ލައިޓު ހަރުކޮށްފި އެވެ.
އާންމުން ގިނައިން ބޭނުންކުރާ ކަފި ހުރަސްތަކާއި މަގު ހުރަސްކުރަން ބޭނުންކުރާ ސަރަހައްދުތައް ދަނެގަނެ, ހުޅުމާލޭގެ އަށް ސަރަހައްދެއްގައި އޭގެ އިތުރު ލައިޓު ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ވެސް ވަނީ ދެ ސަރަހައްދެއްގައި ލައިޓު ހަރުކޮށްފަ އެވެ.
އެ ލައިޓު ބޭނުންކުރުމަށް, ލައިޓުގައި ހުންނަ ބަޓަނަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެންނާނެ އެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން އަދި ހިނގައިގަންނަން އޭގެއިން ބުނެދޭނެ އެވެ. އެ ފިތަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން ބުނާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެ އެވެ.
މިހާރު ލައިޓު ހަރުކޮށްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އަދި ހިޔާ ސަރަހައްދުގަ އެވެ. އިއްޔެއިން ފެށިގެން އެ ދެ ލައިޓު ދަނީ ބޭނުން ކުރަމުންނެވެ
ހުޅުމާލޭގައި ޕެޑެސްޓްރިއަން ލައިޓު ހަރުކޮށްފައި ވަނީ އެކަން އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ހަފުލާއެއްގަ އެވެ. އެގޮތުން ޕެޑެސްޓްރިއަން ލައިޓު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މަގު ހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިން ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެ ލައިޓްތައް އާންމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާބިނގާވެ އުޅޭ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމުގައި ފަސޭހަކޮށްދިނުމަށެވެ.
އެ ލައިޓު ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުމެވެ. މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ އެވެ.













