ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެއިން ޗައިނާއާއެކު ބޭއްވި ގުޅުން ބަދަހިވި ކަމަށާއި އެކަން ބަލައިގަންނަ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "އިންޑިއާ ފަސްޓް" ޕޮލިސީއެއް ގެންގުޅެމުންދާއިރު، ޗައިނާގެ ޕިންގްޓަން ސިޓީގެ މަތީ ފަންތީގެ ވަފުދަކާ މިއަދު މާލޭގައި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ "ޗައިނާއާ ގާތުން މަސައްކަތްކުރުމަށް" އަބަދުވެސް އޭނާ އިސްކަން ދެއްވާނެ ކަމަށެވެ.
"ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ މާލޭ ސިޓީގެ މޭޔަރު ވާހަކަފުޅު ދެއްކެވި. ދެހާސްތޭރައިން 2018 އާ ދެމެދު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވުނުކަން ފާހަގަ ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މިކަން ބަލައިގަންނަ ކަމަށާއި ޗައިނާއާ ގާތުން މަސައްކަތް ކުރުމަށް އަބަދުވެސް ހާއްސަ އިސްކަމެއް ދެއްވަމުންދާ ކަމަށް،" ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ދިވެހިރާއްޖެއިން ގެންގުޅެނީ "އިންޑިއާ ފަސްޓް" ޕޮލިސީއެއް -- ފޮޓޯ: ކައުންސިލް
ސަރުކާރުން "އިންޑިއާ ފަސްޓް" ހާރިޖީ ސިޔާސަތެއް ގެންގުޅުނު ނަމަވެސް ސިޓީ ކައުންސިލުން ދަނީ ޗައިނާއާއެކު ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް ޗައިނާއިން ކައުންސިލަށް 3000 ލެޑު ބައްތި ހަދިޔާ ކުރި އެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ވެސް، ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ގޮތަކާމެދު ޕިންގްޓަން ސިޓީގެ ވެރިންނާއެކު މާލޭ ސިޓީ ކައުންސިލުން މަޝްވަރާ ކުރި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ކުރިން ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި މުހައްމަދު ހުސެއިން ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާއަކީ މާލޭ ސިޓީ ކައުންސިލުގެ ކޮންސަލްޓަންޓެކެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ ޗައިނާއާއެކު އާދައިގެ ގުޅުމެއް އޮތް ނަމަވެސް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެއާއެކު، އިންޑިއާއާ ވާދަވެރި ޗައިނާއާ ވަރަށް ގާތުން މަސައްކަތް ކުރައްވަން ޔާމީން ފެއްޓެވި އެވެ. އަދި ގުޅުން ހީނަރުވި ދަނޑިވަޅު މެއި، 2015، ގައި ޔާމީން ޕާކިސްތާނަށް ރަސްމީ ޒިޔާރަތެއް ކުރެއްވި އެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާ ދުރަށްޖެހިވަޑައިގެން ގާތުން މަސައްކަތް ކުރައްވަނީ އިންޑިއާއާއެކު އެވެ. އަދި މި ސަރުކާރުގެ ފޮރިން ޕޮލިސީއަކީ "އިންޑިއާ ފަސްޓް" ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.













