ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގީ އިދާރާތަކުން ދައުވާ ކުރުމަށް އެއްކުރި ހުރިހާ ލިޔުމެއް ބެލުމުގެ ފުރުސަތު ދިނުމަށް އެ މައްސަލައިގައި ދައުވާ ލިބޭ އިސްހާގެ ފަރާތުން އެދެން ނިންމާފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
މެއި 6، 2021 ވަނަ ދުވަހުގެ ރޭ ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގާއި، ފަހުމީ އަލީގެ، ޝަރީއަތްތަކެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ ހެކިބަސް ނަގަން ފަށަން ބޭއްވި އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމަށް ދައުލަތުގެ ހަތަރު ހެކިވެރިޔަކު ކޯޓަށް ގެނަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހެކިބަސް ނެގީ ހަމަލާ ދިން އިރު ނަޝީދާއެކު ތިއްބެވި އެމަނިކުފާނުގެ ދެ ބޮޑީގާޑުންގެ އެވެ. ކުރިން ނެރެފައި އޮތް ވަކި ވަރަކަށް ހެކި ރައްކާތެރިކުރުމުގެ އަމުރުތަކާ ގުޅިގެން ފަހު ދެ ހެކިވެރިންގެ ހެކިބަސް ނަގަން ހަމަޖެހުނީ އަޑުއެހުން ސިއްރުކޮށްގެންނެވެ.
ހެކިބަސް ނަގަން ފެށުމުގެ ކުރިން އިސްހާގުގެ ވަކީލު އަހުމަދު ޔާމީން ފާހަގަކުރެއްވީ، ހައެއް މެއިގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ އިންކުއަރީ ކޮމިޓީއިން އެކުލަވާލި ރިޕޯޓު ކިތާބީ ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައިވާނެ ކަމެވެ. އެ ރިޕޯޓަކީ ވަރަށް ގިނަ ބައިބައި އުނިކޮށްފައި އާންމު ކުރި އެ ރިޕޯޓަކަށް ވާއިރު، އެއްވެސް ބައެއް އުނިނުކޮށް އެ ރިޕޯޓު ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އާރްޓީއައިއެއް ހުށަހަޅާފައިވާ ނަމަވެސް، އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ފާހަގަކުރެއްވީ، މިފަހުން ސުޕްރީމް ކޯޓުން ނިންމި އަބްދުﷲ ޔާމީން އަދި ކްރިކް ރިޒާ ވ. ޕީޖީ ގަޒިއްޔާގައި ތަހުގީގީ އިދާރާތަކުން ދައުވާ ކުރުމަށް އެއްކުރާ ހުރިހާ ތެކެތި ބެލުމުގެ ހައްގާއި ކޭސް ފައިލް ބެލުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދޭން ވާނެ ކަމަށް އެ ކޯޓުން ނިންމާފައިވާ ކަމެވެ.

އެހެންވެ، ޔާމީން ވިދާޅުވީ އެ ގަޒިއްޔާގެ ނިންމުމުގެ ދަށުން، ހުރިހާ ފައިލްތަކެއް ހޯދަން ބަލަން ޕީޖީގައި އެދެން ގަސްތުކުރާ ކަމަށެވެ. އަދި އެ ރިޕޯޓު ހިމެނޭހެން ލިޔުންތައް ބަލަން ލިބުމުން ހެކިބަސް ނަގަން ފެށުމަށް އެދިވަޑައިގަތެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ މިއަދު ހެކިބަސް ނެގުމުގެ ކަންތައްތައް ކުރިއަށްނުގެންދިޔުމަށެވެ.
އެކަމަކު، ދައުލަތުން ބުނީ، ހެކީންގެ ހެކިބަސް ނަގަން މިއަދަށް ކުރީބައިގައި ތާވަލުކޮށްފައިވަކަން އޭނާ އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި, ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައެޅި ކަންކަމަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ހުށަހެޅިދާނެ ކަމެއް ކަމަށާއި އެކަމަކު ޝަރީއަތް ފެށޭ ފަހުން، އަލުން ފަށައިގެން އެފަދަ ކަންކަން ކުރަން ވެއްޖެ ނަމަ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެންދާނެ ކަމަށެވެ. އެހެންވެ، މިހާރު އެ ފުރުސަތު ދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.
އެ ވާހަކައިގެ ރައްދުގައި ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުުމުގައި ދީފައިވާ ފުރުސަތުތަކަކީ ހަމައެކަނި ޝަރީއަތުގެ ކުރީގެ މަރުހަލާއަށް ހިނގާނެ ކަންތައްތަކެއް ނޫންކަން އެ ނިންމުން ކިޔާލުމުން އެނގޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަޒިއްޔާގައިވާ ގޮތަށް ތަހުގީގުގެ ހުރިހާ ލިޔުންތަކެއް ބަލަން ދިނުމަށް ނިންމުމުގެ ނަތީޖާއަކަށް ވެގެންދާނީ އިންކުއަރީ ރިޕޯޓު ސިއްރުވެރިކަން ނުގެއްލޭ ގޮތަށް ބަލާފައި ހެކީންނަށް ސުވާލު ކުރުމުގެ ފުރުސަތު އިސްހާގަށް ލިބުން ކަމަށް ވިދާޅުވި އެވެ. އަދި އެއީ އިސްހާގުގެ ދިފާއުގައި ލިބެން އޮތް ހެއްކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބު ވިދާޅުވީ، އެންމެ ފަހުން ބޭއްވި އަޑުއެހުމާއި ހަމައަށް ވެސް އެ ކަންކަން ފާހަގަކުރަން ޔާމީނަށް ފުރުސަތު އޮތް ކަމަށެވެ. އަދި އެކަންކަން ފާހަގަކުރަންވާނީ ހެކިބަސް ނަގަން ހެކިވެރިން ކޯޓަށް ވެއްދުމުން ނޫން ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ, މި މަރުހަލާއަކީ އެފަދަ ކަންކަން ފާހަގަކުރަން އޮންނަ މަރުހަލާއެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
ކޮންމެހެން މުވައްކިލުގެ ހައްގުގައި އެ މައުލޫގައި ވާހަކަ ދައްކަން ޖެހޭ ކަމަށް ފެންނަ ނަމަ ލިޔެކިޔުމުން އެކަމަށް އެދުމުން ޖަވާބެއް ދެއްވާނެ ކަމަށް ސަފްއަތު ވިދާޅުވި އެވެ.
ސަފްއަތު އިތުރަށް ވިދާޅުވީ، މިސާލަކަށް، މިއަދު ހާޒިރު ކުރި ހެކިވެރިއެއްގެ ހެކިބަސް ނަގާއިރު ވަކި ކަމަކާ މެދު ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ފަހުން ބުނެފި ނަމަ އެ ހެކިވެރިއަކު އަލުން ހާޒިރުކޮށްގެން ސުވާލު ކުރުމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު، އެގޮތަށް ވެސް ފުރުސަތު ދެވޭނީ ހެކިވެރިޔާ ހުށަހެޅި ދާއިރާގެ ތެރެއިން ސުވާލު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައުލޫގައި މިއަދު އިތުރަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެން ސަފްއަތު ނިންމެވީ ހެކިބަސް ނެގުން ކުރިއަށްގެންދިޔުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ހާދިސާ ހިނގި ދުވަހުގައި ޑިއުޓީ ފެށުނު ހިސާބުން ފެށިގެން އެ ވަގުތުގައި ހިނގައިދިޔަ ކަންކަމާ ބެހޭގޮތުން ދިފާއީ ވަކީލުން ސުވާލު ކުރެއްވި އެވެ. އެކަމަކު، އެ ދެ ހެކިވެރިން ހުށަހެޅި ދާއިރާގެ ބޭރުން ދިފާއީ ވަކީލުން ސުވާލު ކުރައްވާ ކަމަށް ބުނެ ދައުލަތުން ތަކުރާރުކޮށް އިއުތިރާޒު ކުރި އެވެ.
ޔާމީންގެ ބައެއް ސުވާލުތައް ވެސް ނުގުޅޭ ކަމަށް ބުނެ ހުއްޓުވި އެވެ. އެކަމަކު، އޭނާ ވިދާޅުވީ، އެ ސުވާލުތައް ކުރަނީ ގުޅޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
ސަފްއަތު ވިދާޅުވީ، އިންކުއަރީ ރިޕޯޓު ފަދަ ލިޔުންތައް ބެލުމަށްފަހު މުޅިން އާ ކަމަކާ ގުޅޭގޮތުން ސުވާލު ކުރާ ނަމަ އެ ސުވާލުތައް ކުރެވޭނީ ދައުލަތުގެ ހެކިވެރިން ދިފާއުން ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅައިގެން ކަމަށެވެ.
އެ އިއުތިރާޒުތަކާ ގުޅިގެން، ދާއިރާގެ ތެރެއިން ހެކިވެރިންނާ ސުވާލު ކުރަން ގާޒީ އެންގެވި އެވެ. އަދި ސެކިއުރިޓީގެ ކަންކަން އޮންނަ ގޮތުގެ ތެރެއަށް ވަންނަ ސުވާލުތައް ނުކުރެވޭނެ ކަމަށް ވެސް ކަނޑައެޅުއްވި އެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ކުރި ދައުވާތައް:
ތަހުމީން އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
- މުޖާޒު އަހުމަދު : ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
- އަލީ ހައިޝަމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
- އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
- ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
- މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަށް އަމަލީ ގޮތުން ހަރަކާތްތެރިވި އަދުހަމް މުހައްމަދު ދައުލަތާ އެކު އެއްބަސްވުމެއް ހަދައި ކުށަށް އިއުތިރާފުވުމުން އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ.













