ދިވެއްސެއްގެ ބޮލަށް ހެރުނު ބުޅިއެއް ނަގަން ރަށެއްގައި ކުރި ތަފާތު "އޮޕަރޭޝަނެއް" ފެންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމެއް ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާމުންދާ އެ ވީޑިއޯ ފެށެނީ، މީހަކު ބޮޑު ބޯލްޓު ކަޓަރެއް ހިފައިގެން ސިއްހީ މަރުކަޒަކަށް ވަންނަ މަންޒަރުންނެވެ. އޭނާ ގޮސް ވަންނަނީ، ބޮލަށް ބުޅިއެއް ހެރުނު ޒުވާނާ ބާއްވާފައި އޮތް ކޮޓަރިއަށެވެ.
"މީގެން ކެނޑޭނެ"އޭ ކިޔާފައި އޭނާ ކޮޓަރިއަށް ވަން އިރު، ޒުވާނާގެ ނިތްކުރި މަތިން އިސްތިތަށިގަނޑުގެ ތެރެއިން ބޮލަށް ހެރި، ބޭރަށް ނުކެމެފައި އޮތް ތިން ބުޅިލީ ބުޅިފަތި ނަގަން ނަރުހުން މަސައްކަތް ކުރަމުން ދެ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބުޅި ނެގި ބޯލްޓު ކަޓަރު ގެނައި މީހާ އޭތި ބޭނުން ކޮށްގެން ބުޅި ބުރިކޮށްލައިގެންނެވެ. ބުޅި ބުރި ކުރުމަށްފަހު ހެރިފައި އިން ތަންކޮޅު ދަމައިގަނެ ނައްޓާލާތަން ވެސް ފެނެ އެވެ.

އެ ހުރިހާ ކަމެއް ކުރި އިރު ވެސް ބުޅި ހެރިފައި އޮތް ޒުވާނާ އަޑެއްވެސް ލައްވާ ނުލައި އޮތީ ހަމަޖެހިލައިގެންނެވެ.
މިކަން ހިނގީ ކޮން ރަށެއްގައި ކަމެއް އަދި ބުޅި ހެރުނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. މި ވީޑިއޯ ފޭސްބުކްގައި ޝެއާކޮށްފައިވާ ހަމީދު ބުނީ އޭނާ އަށް ވެސް ވީޑިއޯ ލިބުނީ ވައިބަ ގްރޫޕަކުން ކަމަށެވެ. ނަމަވެސް އޭނާއަށް ވެސް އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއްގެ ކަމެއް، އަދި ކޮން އިރެއްގައި ހިނގި ކަމެއް ކަމެއް ނޭނގެ އެވެ.
ބޯލްޓު ކަޓަރު ބޭނުންކޮށްގެން ބުޅި ބުރި ކުރަން ނަރުހުން އެހީ ދިނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބޯލްޓު ކަޓަރު ގެނައީ ސިއްހީ މަރުކަޒުގެ މީހުން ބޭނުންވެގެންނެވެ.
titledesc












