ހުޅުމާލޭގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އާބަންކޯއިން ސިލްސިލާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އާބަންކޯއިން ބުނީ މިއަދުގެ ޕްރޮގްރާމު ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއް އަދި ރުއްގަނޑު ތިނެއް ސަރަހައްދުގައި ކަމަށެވެ.
ހުޅުމާލޭގެ އަހަރީ ދުވަހަކީ މެއި 12 އެވެ. މި އަހަރު ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދުމަށާއި އާންމުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް އާބަންކޯއިން ބުނެ އެވެ.
ރުއްގަނޑު އެކެއް ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަކެވެ. އޭގެ ތެރޭގައި ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ އެވެ. ރުއްގަނޑު ތިނެއް ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރުން ކުރިއަށްގެންދާނީ ޗައިލްޑް ނިއުޓްރިޝަން އާއި ޑެންޓަލް ޗެކަޕެވެ.














