ހިޔާގެ ދެ ފްލެޓަކަށް ބަދަލު ގެނެސް ދެ އެޕާޓްމަންޓު އެއްކޮށްލި މައްސަލައިގައި ތަން އިހު ހުރި ގޮތަށް ރުޖޫއު ނުކުރުމާއި ޖޫރިމަނާ ފައިސަ ނުދެއްކުމުން އެ ދެ ފްލެޓު ވެސް ސަރުކާރަށް ނަގަން ނިންމައިފި އެވެ.
ހުޅުމާލެ ހިންގާ ދައުލަތުގެ ކުންފުނި އާބަންކޯއިން މިއަދު ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ ބަދަލު ގެނައި ދެ ފްލެޓު ވެސް 14 ދުވަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލު ކުރުމަށް މިއަދު އަންގާފައިވާނެ ކަމަށެވެ.
"މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، 100،000ރ. އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި. އަދިއެޕާޓްމަންޓު ހަވާލު ކުރެވުނު އިރު ހުރި ގޮތަށް 10 ދުވަހުގެ ތެރޭގައި އިޔާދަކުރުމަށް އަނގާފައިވީ ނަމަވެސް މިކަން މިގޮތަށް ކޮށްފައި ނުވާތީ، 14 ދުވަސް ތެރޭގައި ކޯޕަރޭޝަނަށް ފުލެޓް ހަވާލު ކުރުމަށްމިއަދު ވަނީ ވެރިފަރާތްތަކަށް އަންގާފައި،" އެ ކުންފުނީގެ މީޑިއާ އޮފިސަރު އަލީ މަޝާރު ވިދާޅުވި އެވެ.
ހިޔާ ފްލެޓުގެ އެއްކޮށްލީ ދެ ކޮޓަރީގެ ދެ އެޕާޓްމަންޓެކެވެ. އެ ދެ އެޕާޓްމަންޓުގެ އިން ވަކި ކުރާ ފާރު ހުރީ ތަޅާލައިފަ އެވެ. ވެރިފަރާތުން އެ ތަން ބޭނުން ކުރަމުންދިޔައީ ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ގޮތަށެވެ.












