ރާއްޖެއަށް ވަގަށް ރަން އެތެރެ ކުރި އިންޑިއާ މީހަކު 60،000ރ. އިން ޖުރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސުބެއިރު ޕަރަންމަލް ޕުތިއާ މިދިޔަ މާޗު 17 ވަނަ ދުވަހު ވިޒްއެއާގެ ފްލައިޓަކުން އޭނާ އައިތަނުން އޭނާއާ މެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖު ބަލައިފާސްކުރި އިރު މީގެ ކުރިން އޭނާ އިންޑިއާއަށް ރަން އެތެރެ ކުރި މައްސަލައެއްގައި އެ ގައުމުގެ ކަސްޓަމްސްއިން ދޫކޮށްފައިވާ ލިޔުމެއް ފެނިފައިވެ އެވެ.
އެކަމާ ގުޅިގެން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބެލެވިގެން އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ސީޓީ ސްކޭން ހެދުމުން ހަށިގަނޑު ތެރޭގައި އެއްޗެއް ހުރިކަން އެނގުނެވެ. އޭނާ ބޮޑުކަމުދިޔުމުން އެނގުނު ގޮތުގައި އެއީ ބަރުދަނުގައި 361 ގްރާމު ހުރި ރަނުގެ ދެ ބުލެޓެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާއަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފަ އެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ ސުބެއިރު 60،000ރ.އިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގާފައިވެ އެވެ. އޭނާގެ ހަށިގަނޑުން ފެނުނު ރަން ކަސްޓަމްސްއަށް ނެގުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.

މީގެ ކުރިން ވެސް ރާއްޖެއަށް ސިއްރުން ރަން އެތެރެ ކުރި މައްސަލަތަކެއްގައި އިންޑިއާ ބަޔަކު 60،000ރ.އިން ޖޫރިމަނާކޮށްފައި އެބަ ހުއްޓެވެ.












