މުޖުތަމައުއަށް ފައިދާ ހުރި އެކި ޕްރޮޖެކްޓުތައް ހިންގަން މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާއްސަ ފަންޑެއް ތައާރަފުކޮށްފި އެވެ.
މި ފަންޑުގެ ދަށުން އަހަރަކު ދެ ފިޔަވައްސަށް ބަހާލައިގެން މުޅި ޖުމުލަ ހަ ލައްކަ ރުފިޔާ އެ ކުންފުނިން ހޭދަކުރާނެ އެވެ.
ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު ހުޅުވާލާފައިވާއިރު މެއި 31, ގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ. މި ފޯމު މެދުވެރިކޮށް އެ ފަންޑުން އެހީ ހޯދުމަށް އެދެވޭއިރު މިހާތަނަށް ކުރިމަތިލާފައި ވަނީ އެންމެ ދެ ފަރާތުން ކަމަށް އެމްޕީއެލުން މައުލޫމާތު ދެ އެވެ.
ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓިއީއެއް ކަނޑައަޅާފައިވާ ކަމަށް އެމްޕީއެލުން ބުނެ އެވެ. ހަމައެހެންމެ, ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
"ޕޮއިންޓް ދިނުމުގައި ވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭނެ. އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެ," އެމްޕީއެލްގެ ސްޕޯކްސްޕާސަން މައުލޫމާތު ދިނެވެ.

މި ފަންޑުގެ ދަށުން އަހަރަކު 10 މަޝްރޫއުއަށް އެހީދޭން ނިންމާފައިވާއިރު އެއީ 50،000ރ. ކުދި އަށް މަޝްރޫއު، އަދި 100،000ރ. ގެ ބޮޑު ދެ މަޝްރޫއަށެވެ.
"ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށް ކުރިމަތިލެވޭނެ. ވޭތުވެދިޔަ އަހަރުތަކުގައި ވާނީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި," އެ ކުންފުނިން ބުންޏެވެ.
އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ފުރުސަތުގެ ބޭނުންކޮށް، ވީހާވެސް ގިނަ ފަރާތްތަކުން ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުން ކަމަށް އެ ކުންފުނިން ބުނެ އެވެ.












