ހިޔާ ފްލެޓްތަކަށް އިންސްޓޯލްމެންޓު އުސޫލުން މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު ހަތް އަހަރު ވަންދެން ކުޑަކޮށްފައި ބާއްވަން ނިންމީ އާބަންކޯ އިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުޔެއް ލިބިގެން ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓްތަކަށް އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު 10،000.ރ ލިބިގެން ނޫނީ އާބަންކޯގެ ލޯނުތައް ދައްކަން އުދަނގޫ ވާނެ ކަމަށް ސަރުކާރުން ފުރަތަމަ ބުންޏެވެ. އެއަށް ފަހު ފްލެޓް ލިބުނު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުން، ފްލެޓްތައް ހަވާލުކުރީ މަހަކު 7،500.ރ ދައްކާ ގޮތަށެވެ. އެެ އަދަދު 5،300ރ. އަށް ކުޑަކޮށް، ހަތް އަހަރު ވަންދެން މަހަކު 5،300.ރ ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައި ސަރުކާރުން މިއަދު ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކުރަން ފްލެޓް ލިބުނު މީހުން ފުރަތަމަ ޑިމާންޑްކުރި އިރު ސަރުކާރުން އުޒުރަކަށް ދެއްކީ އާބަންކޯއިން (އޭރުގެ އެޗްޑީސީން) ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަން ދަތިވުމެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާބަންކޯގެ މެނޭޖިން ޑިރެެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކުރީ އާބަންކޯގެ ލޯނުތަކަށް ލުޔެއް ލިބިގެން ނޫން ކަމަށެވެ.
"،މި ޕްރޮޖެކްޓަށް ނަގާފައި ހުރި އެެއްވެސް ލޯނަކަށް އިތުރު ލުޔެއް ކުންފުންޏަކަށް ނުލިބޭ، މި މިސްމެޗް [އާބަންކޯއިން ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ، ހިޔާއިން ލިބޭ އަދަދަށް ވުރެ އިތުރުވާ ބައި] ކުންފުނީގެ ކޭޝްފްލޯ އިން މެނޭޖު ކުރާނީ،" އާތިފް ވިދާޅުވި އެވެ.

އާބަންކޯގެ ކޭޝްފްލޯއަށް އެއާ ގުޅިގެން ދިމާވާނެ މާލީ ދަތިކަން ހަމަޖައްސައްވަން ސަރުކާރުން ސަބްސިޑީއެއް ލިބޭނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމަށް ހާއްސަ ސަބްސިޑީއެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް އެކުންފުނީގެ ބިޒްނަސް މޮޑެލް އޮންނަ ގޮތުން ކޭޝްފްލޯ ހަމަޖައްސަން ބޭނުންވާ ފައިސާ ސަރުކާރުން އަބަދުވެސް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރު ޖަވާބަކީ މިއާ އެއްކޮށް އެއްވެސް ސަބްސިޑީއެއް މި ބަދަލަކަށް ނުގެންނާނެ،" އާތިފް ވިދާޅުވި އެވެ.
ހިޔާގެ ކުލި ދެއްކުމުގައި ވަގުތީ ގޮތުން ލުޔެއް ދޭން ނިންމާފައި ވަނީ ފިނިޝިންގެ މަސައްކަތް ނިންމަން ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާތީ އެ ލޯނު ދެއްކުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.
މިއާއެކު ހިޔާ ފްލެޓްތަކަށް ކުލި ދައްކަން ޖެހޭ މުއްދަތު މިވަނީ ދެ އަހަރު އިތުރުވެފަ އެވެ. ދެން ފްލެޓްތަކަށް ފައިސާ ދައްކާ ހަލާސް ވާނީ 27 އަހަރުންނެވެ.












