ހިޔާ ފްލެޓުގެ ދެ އެޕާޓްމެންޓެއްގެ އިންފާރު ތަޅާލައި އެއްކޮށްލި މައްސަލަ ދޫކޮށް ނުލާނެ ކަމަށާއި، އަންގާފައިވާ ގޮތަށް ކަންކަން ނުކޮށްފި ނަމަ އާބަންކޯއިން ވިޔަސް އެތަނުގެ އިންފާރު ރާނައި، އެޕާޓުމެންޓު ވަކި ކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ދެ އެޕާޓްމެންޓުގެ ތެރެއިން ކޮންމެ އެޕާޓްމެންޓެއް 100،000ރ. އިން ޖޫރިމަނާކޮށް، އިންފާރު ރާނަން ވަނީ އަންގައިފަ އެވެ. ހިޔާގެ ކޮންމެ އެޕާޓްމެންޓެއްގައި ހުންނަނީ ދެ ކޮޓަރި އެވެ.
އެޕާޓްމެންޓު އެއްކޮށްލާފައިވާކަމުގެ ރިޕޯޓާ ގުޅިގެން އާބަންކޯއިން ގޮސް ބެލިއިރު، އެތަން ހަދާފައިވަނީ "ގަނޑުވަރެއް" ފަދަ ފެންވަރަށެވެ. ނަމަވެސް ދައްކަންޖެހޭ މަހު ކުލި ދައްކަމުން ނުދާކަން ވަނީ އެނގިފަ އެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ އިންފާރު ތަޅާލި މައްސަލައިގައި ޖޫރިމަނާކުރުމަށް ފަހު ދޫކޮށްނުލާނެ ކަމަށާއި، އެކަމުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
"...އެކަމުގައި ކުރެވޭނެ ކަންކަން ހުންނާނެ. އެހެންވީމަ އަޅުގަނޑުމެން ދޫކޮށްލީއެއް ނޫން ޖޫރިމަނާ ކުރުމަށް ފަހު، އެތަން އެގޮތަށް ބޭނުންކުރަން،" އާތިފް ވިދާޅުވި އެވެ.

މައްސަލަ ޖެހިގެން އުޅޭ ދެ ފްލެޓު އެއްކޮށްލީ އެތަނުގެ ފިނިޝިން މަސައްކަތް ކުރަމުންދިޔައިރު އެވެ. އެއީ އާބަންކޯގެ އުސޫލުތަކާ ހިލާފު ކަމެކެވެ.













