ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ އައިސީޔޫ ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ކުރިން ތިން އެނދުނުގެ އައިސީޔޫއެއް ހުރި އެ ހޮސްޕިޓަލުގައި އަލަށް ހެދި އައިސީޔޫއަކީ އެއް ފަހަރާ ހަ މީހުންނަށް ފަރުވާ ދެވޭނެ، ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވެ އެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު ދާއޫދު "އަދަދު"އަށް ވިދާޅުވީ ޑައިލީސިސް ހަދޭނެ އިންްތިޒާމުގެ އިތުރުން ގައިން ގަޔަށް އަރާ ބަލިތަކަށް ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި އައިސޮލޭޓުކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމު އާ އައިސީޔޫގައި ހިމެނޭ ކަމަށެވެ.
"މިހާރު އައިސީޔޫ ގާއިމްކޮށްފައި މިވަނީ ކޮންމެ އެނދެއް ވެސް ވަކިން ކިއުބިކަލްއެއް ހެން. ދެން މިސާލަކަށް ކޮވިޑު ޕޮޒިޓިވް ޕޭޝަންޓަކަށް ނުވަތަ އެހެންވެސް ސަބަބަކާ ހުރެ އައިސޮލޭޓުކޮށްގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ގޮތަށް ތައްޔާރުކޮށްފައި އެ ވަނީ،" ދާއޫދު ވިދާޅުވި އެވެ.
"ސްޓްރޯކް ނުވަތަ ހާޓްއެޓޭކެއް ފަދަ ކަމެއް ދިމާވެގެން އަންނަ މީހަކު ވެސް ފަރުވާދޭން މިޖެހެނީ ގިނަފަހަރު އައިސީޔޫގައި. މީގެ ކުރިން ހަމަ ޖުމްލަ ގޮތެއްގައި އައިސީޔޫ ފުރިފަ އޮންނަނީ."

އާ އައިސީޔޫއާއެކު ކުރިން ކުރިމަތިވަމުން ދިޔަ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް ދާއޫދު ވިދާޅުވި އެވެ.
އެންމެ ފަހުގެ ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި މިހާރު ވެސް ބައެއް ޕްރޮޖެކްޓުތައް ރާވާފައިވެ އެވެ. އޭގެ ތެރޭގައި ހޮސްްޕިޓަލުގައި ޕްރައިވެޓު ކޮޓަރިތަކެއް ހެދުމާއި، އެމެޖެންސީ ރޫމުގެ މަސައްކަތް ހިމެނޭ ކަމަށް ދާއޫދު ވިދާޅުވި އެވެ.












