ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ކްރޫޒް ޓާމިނަލަށް ހާއްސަކޮށްފައި އޮތް ބައި ހިއްކަން އުޅޭކަން އެނގިއްޖެ އެވެ.
ހުޅުމާލޭގެ ފޭސް އެކަކަކާއި ފޭސް ދޭއްގެ ފަޅުތެރެއިން ވެސް ބައެއް ނަގައިގެން ބޮޑު ބިމެއް ހިއްކަން އުޅޭކަން "އަދަދު" އަށް އެނގިގެން އެކަމާ ބެހޭ ގޮތުން އާބަންކޯގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ބަހެއް މި ލިޔުން ޝާއިއުކުރުމާ ހަމައަށް ލިބިފައި ނުވެ އެވެ.

ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތަށް ތަރައްގީކުރުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ކަނާތްފަރާތުގައި އެވަނީ ކްރޫޒް ޓާމިނަލް
އެހެން ނަމަވެސް, މިއަދުގެ ވަގުތެއްގައި މީޑިއާތަކަށް ފޮނުވި މެސެޖެއް މެދުވެރިކޮށް އާބަންކޯއިން ވަނީ އެކަމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެފަ އެވެ.
"ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް މިކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން އަންނަނީ ކުރަމުން. އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވޭ," އެ މެސެޖުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި ހިއްކަން ނިންމާފައިވާ ސަރަހައްދަކީ ފޭސް އެކެއްގައި މިހާރު މެރީ ބްރައުން ހިންގާ އިމާރާތް ހުރި ދިމާލުން ފެށިގެން ގޮސް ފޭސް ދޭއްގައި އޮންނަ ފަރުކޮޅު ފުށްޓާ ހަަމައަށެވެ. ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން އެއީ ކްރޫޒް ޝިޕްތައް ބަނދަރުކުރާ ޓާމިނަލަކާ އެކު، ފަޅުގެ ގޮތުގައި ބާއްވަން ކަނޑައަޅާފައި އޮތް ސަރަހައްދެކެވެ.
އެހެން ނަމަވެސް އެ ޕްލޭން ބަދަލުކޮށް އެ ސަރަހައްދު ހިއްކަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރުން ވެފައިވާ ވައުދު ފުއްދަން ބޭނުންވާ ބިން އުފެއްދުމަށެވެ.
އެ ސަރަހައްދު ހިއްކާ އިރު ފޭސް އެކަކާއި ދޭއް ގުޅޭ ސަރަހައްދުގައި މިހާރު އޮތް ޗެނަލް ހުރަސްކޮށް ހިއްކަން ޖެހޭތީ އާބަންކޯއިން ނިންމާފައި އޮތީ އެ ޗެނަލް ގޮސް ފޭސް އެކެއްގެ ފަޅުތެރެއާ ގުޅޭ ގޮތަށް އަނބުރާލައި، މެރީ ބްރައުން ހުރި ސަރަހައްދާއި އަލަށް ހިއްކާ ބަޔާ ދެމެދު ހުސްތަނެއް ބާއްވާށެވެ. އޭރުން ޗެނަލްގެ އެ ސަރަހައްދު އޮންނާނީ ރަށުދިގަށެވެ.












